ފަތިހު ގެއިން ނުކުތްއިރު ގޭދޮރުމަތީ އެއޮތީ މަރާލާފައިއޮތް އަންހެނެކެވެ. ސައި ތައްޓެއް ބޯލަން ހާބަރަށް ދިޔައިރު ބަޔަކު ވަދެ ވޭޓަރު އެވަނީ މަރާލާފަ އެވެ. ބަނގުރާ ބެހުމުގައި ހަމަހަމަ ނުވެގެން އެކުވެރިޔާ އެވަނީ މަރާލާފަ އެވެ. ލޯބިވެރިންގެ މައްސަލަތަކާއި މަސްތުގެ މައްސަލަތަކުގައި އެތައް ބަޔަކު އެވަނީ މަރާލާފަ އެވެ. މިއީ ދާދި ފަހަކުން މި ރާއްޖޭގައި ހިނގާފައިވާ ކަންތައްތަކެވެ. މަރުގެ މައްސަލަަތައް ބިރުވެރި ބޮޑު މައްސަލައަކަށް ނުވާ ވަރަށް އެކަންކަން މިވަނީ އާންމުވެފަ އެވެ.

ދެހާސް ތޭރަ ވަނަ އަހަރު މަރާލާފައި ވަނީ ތިން މީހުންނެވެ. އަދި 2014 ވަނަ އަހަރު ފަސް މީހުން މަރާލާފައިވާ އިރު 2015 ވަނަ އަހަރު ވަނީ ނުވަ މީހަކު މަރާލާފަ އެވެ. މިއަހަރު ފެށި ފުރަތަމަ 10 ދުވަސްތެރޭގައި މިވަނީ މަރާލާފައިވާ މީހަކު ފެނިފަ އެވެ. ތަފާސް ހިސާބުތަކަށް ބަލާއިރު މަރުގެ މައްސަލަތައް މިދަނީ އިންތިހާއަށް އިތުރުވަމުންނެވެ. ބިރުވެރިކަން މިދަނީ ބޮޑުވަމުންނެވެ.

މިދިޔަ އަހަރު ނުވަ މީހަކު މަރާލި މައްސަލަ ފެންމަތިވެފައިވާ އިރު އޭގެ ތެރެއިން ހުކުމް އިއްވިފައި ވަނީ އެންމެ މައްސަލައެއްގަ އެވެ. އަނެއް އަށް މައްސަލައިގެ ތެރެއިން ހަ މައްސަލައެއްގެ ޝަރީއަތް ކޯޓުގައި ކުރިއަށްދާ އިރު ދެ މައްސަލައެއްގައި ދައުވާ ކޮށްފައިނުވާ އިރު ގާތިލުންވެސް ވަނީ ނުހޯދި އެވެ. އިންތިހާއަށް އިތުރުވަމުންދާ މަރުގެ މައްސަލަތަކުގާ ގުޅިގެން އަދަބު ދިނުމުގައި ލަސްތަކެއް އުޅޭކަން މިވަނީ ހާމަވެފަ އެވެ.

މަރުގެ މައްސަލަތައް އަހަރަކުން އަހަރަކަށް އިތުރުވަމުން މިދަނީ އެންމެ ރަނގަޅު ފިޔަވަޅު ނޭޅޭތީކަމާ މެދު ޝައްކެތްނެތެވެ. ހަގީގީ ސަބަބަކީ އެފަދަ ލާއިންސާނީ އަމަލުތައް ހިންގާ ފަރާތްތަކަށް ހައްގު އަދަބު ނުދެވުމެވެ. ހަމައެހެންމެ ހަގީގީ ގާތިލު ނުހޯދުމަކީ ވެސް މަރުގެ މައްސަލަތައް އިތުރުވުމަށް މެދުވެރިވެފައިވާ ސަބަބަކަށް މިވަނީ ވެފަ އެވެ.

މަރާ ގުޅުން ހުރި ތަފާތު މައްސަލަތަކުގެ ޝަރީއަތް ކުރިއަށްދާއިރު މުޅިންހެން ހައްޔަރުކޮށް އަދަބު ދެވިގެންދާތަން މިފެންނަނީ ވަކި ބަޔަކަށެވެ. އެމީހަކު މަރަން ރޭވި ނުވަތަ މަރާލުމުގެ އަޑީގައި ފިލައި ތިބި ފަރާތްތައް ހޯދޭތަން ނުފެނެ އެވެ. ޝަހީދުކޮށްލާފައިވާ މަޝްހޫރު ދީނީ އިލްމުވެރިޔާ އަފްރާޝީމް އަލީގެ މަރުގެ މައްސަލައަށް ބަލާއިރު ވެސް މިކަން ހާމަވެ އެވެ. އަފްރާޝީމް މަރާލިކަން ހުސެއިން ހުމާމުގެ މައްޗަށް ސާބިތުވެފައިވީ ނަމަވެސް އެމަރުގެ ފަހަތުގައި ތިބީ ކޮން ބައެއް ކަމާއި މަރާލި ސަބަބު އަދި މިވަނީ ހާމަ ނުވެ އެވެ.

ޝަރުއީ ދާއިރާ ދިރާސާ ކުރައްވާ ފަރާތަކުން ވިދާޅުވި ގޮތުގައި ރާއްޖޭގައި މިހާތަނަށް ސާބިތުވެފައިވާ މަރުގެ މައްސަލަތަކުގެ ތެރެއިން ގިނަ މައްސަލަތައް ސާބިތުވެފައި ވަނީ ކުށްކުރި ފަރާތުން ކޯޓުގައި އިއުތިރާފް ވުމުގެ ސަބަބުންނެވެ. ހެކީގެ ސަބަބުން ސާބިތުވެފައި ވަނީ މަދު މައްސަލަތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާތަނަށް ރާއްޖޭގައި ހިނގާފައިވާ ގިނަ މަރުގެ މައްސަލަތަކަށް ބަލާއިރު ހަތަރެއް ނުވަތަ ހަ މައްސަލައެއް އެވިޑެންސް އަށް ބޭސްކޮށް ހޯދިފައި އޮތީ، އެހެން ނޫނީ އިއުތިރާފް ވުމުން." އެފަރާތުން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގައި ހިނގާފައިވާ މަރުގެ މައްސަލަތައް ސާބިތު ނުވާ ސަބަބުތަކުގެ ތެރޭގައި ތަހުގީގް ފުރިހަމަ ނުވުމާއި ހެކިންނަށް ރައްކާތެރިކަމެއް ނެތުން ހިމެނެ އެވެ. ސިއްރުން ހެކިބަސް ނަގާފައި ވެސް ހެކިދިން ފަރާތްތައް ހާމަވެ، ކުށްކުރި ފަރާތަށް ހެކިންނަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު ލިބިފައިވުމަކީ އެފަދަ މައްސަލަތަކުގައި ރަނގަޅު ހެކިބަސް ނުލިބޭ ސަބަބުތައް ކަމަށް އޭނާ ވިދާޅުވި އެވެ.

"ކޮންމެވެސް ގޮތަކުން އެބަ ހެކިން ފަޅާއަރާ، ދެން ޝަރީއަތަށް އަންނަ އިރު ހެކިންގެ މައްޗަށް އޮންނަނީ ނުފޫޒު ފޯރުވާފައި، ނޫނީ އިންޒާރު ދީފައި، ދެން ހެކިން ކޯޓަށް އައިސް ބުނަނީ ތިމަންނަ ނުދެކެމޭ." އޭނާ ވިދާޅުވި އެވެ.

އާ ގާނޫނު އަސާސީ ހެދުމުގެ މަސައްކަތުގައި އުޅުނު ހާއްސަ މަޖިލީހުގެ މެމްބަރަކު ވިދާޅުވި ގޮތުގައި މަރުގެ މައްސަލަތައް ފަދަ ބޮޑެތި މައްސަލަތައް އިތުރުވިޔަ ނުދިނުމަށް ހެއްކާ ގުޅޭ ގާނޫނަކާއި ވަކި މުއްދަތެއްގެ ކަންތައްތަކެއް ނިންމަންޖެހޭ ގޮތަށް ފަރުމާކުރާ ޖިނާއީ އިޖުރާތުގެ ގާނޫނު ފާސްވުން މުހިންމެވެ.

"ހެއްކާ ބެހޭ ގާނޫނެއް ވެސް ނެތި މިދަނީ ދެއްތޯ، ޖިނާއީ އިޖުރާތުގެ ގާނޫނެއް ވެސް ނެތް، ޕީނަލް ކޯޑެއްވެސް އަދި އިހަށް ދުވަހަކު މި ތައާރަފްވީ، އެއަށް އަހުލުވެރިކުރުމަށް ޖުޑިޝަރީން ތެރެއިން މަސައްކަތް ކުރިތަނެއް ފެންނާކަށް ނެތް ދެއްތޯ." ވަކީލް ވިދާޅުވި އެވެ.

މައްސަލަތަކަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު ބައެއް ފަރާތްތަކަށް ލިބިފައިވާ ނަމަ އެއީ ވެސް ގާތިލުން ނުހޯދި އަދި އަދަބު ނުދެވޭ ސަބަބެއް ކަމަށް ވަކީލް ވިދާޅުވި އެވެ.

އަހަރުން އަހަރަށް މަރުގެ މައްސަލަތައް އިތުރުވަމުންދާއިރު ހިތާމައަކީ އެކަން ކުރާ ފަރާތްތައް ނުހޯދުމެވެ. މައްސަލާގެ ފޮރުވިފައިވާ ހަގީގަތް ނުހޯދުމެވެ. މަރުގެ މައްސަލަތަކުގެ ފަހަތުގައި ފިލާތިބި އެކަންކަން ރޭވި ފަރާތްތައް ނުހޯދޭ ކަމީ މަރުގެ މައްސަލަތައް އިންތިހާއަށް އިތުރުވާން ދިމާވާ ސަބަބެވެ. އެހެން ކަމުން މަރުގެ މައްސަލަތަކުގެ ހަގީގީ ގާތިލުން ހޯދެންޖެހެ އެވެ.