ސިޒޭރިއަން ހެދުމުގެ ތެރޭގައި ލޭމަނާ ނުވެ، ހާލު ދެރަވެގެން މާލެ ގެނައިފަހުން މިއަދު ނިޔާވި އާއިޝަތު ފަރިޔާލާ މެދު ކުޅުދުއްފުށީ ހޮސްޕިޓަލުގައި ކަން ހިނގި ގޮތާ މެދު ހިތްހަމަ ނުޖެހިގެން އެ ހޮސްޕިޓަލުގެ ކައިރީ ގިނަ ބަޔަކު މުޒާހަރާ ކުރަމުން އެބަދެއެވެ.

ކުޅުދުއްފުށީ ކައުންސިލްގެ ރައީސް ޢަލީ މުޙައްމަދު ވިދާޅުވީ މުޒާހަރާ ކުރާ މީހުން ހޮސްޕިޓަލުގެ ގޯތި ތެރެއަށް ވަދެފައިވާ ކަމަށާއި އޭނާއާ ރަށު ކައުންސިލްގެ ނައިބު ރައީސް މިހާރު ތިއްބެވީ ހޮސްޕިޓަލުން ނުކުމެވަޑައި ނުގެންނެވިފައި ކަމަށެވެ.

މުޒާހަރާގެ ބައިވެރިންގެ އަޑު ގަދަ ކަމުން އޭނާއަށް އެކަމާ ބެހޭ އިތުރު ތަފުސީލެއް ނުދެއްވުނެވެ.

ކުޅުދުއްފުށީގައި ހިންގާ އޮންލައިން ނޫހެއް ކަަމަށްވާ “ކުޅުދުއްފުށި އޮންލައިން އިން ބުނީ މުޒާހަރާ ގެ ބައިވެރިން ހޮސްޕިޓަލް ތެރެއަށް ވަންނަން މަސައްކަތް ކުރަމުންދާ ކަމަށާއި ގިނަ އަދަދެއްގެ ފުލުހުން އެތަނުގައި ހަރަކާތްތެރިވަމުން އަންނަ ކަަމަށެވެ.

މުޒާހަރާގެ ބައިވެރިން ގޮވަމުން ދަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ އިސް ބޭފުޅުން މަގާމުން އިސްތިއުފާ ދެއްވުމަށް ކަމަށް ނޫހުން ބުންޏެވެ.

މުޒާހަރާގެ ބައިވެރިން ހޮސްޕިޓަލު ތެރެއަށް ވަދެ އަޑުގަދަ ކުރުމުގެ ސަބަބުން ހޮސްޕިޓަލަށް ދައްކަން އައިސް ތިބި ބަލި މީހުންނަށް ހިދުމަތް ދިނުމުގައި ބުރޫ އަރައި ވޯޑުތަކުގައި ތިބި މީހުންނަށް އުނދަގޫ ވަމުންދާ ކަމަށް ވެސް އެނޫހުން ބުންޏެވެ. އެނޫހުގެ ހަބަރުގައި ބުނެފައި ވަނީ ކުޅުދުއްުފުށީ ކައުންސިްލްގެ ރައީސް، ހޮސްޕިޓަލުގެ މެނޭޖްމެންޓާ ވާހަކަފުޅު ދައްކަވަމުން ގެންދަވާ ކަމަށެވެ.