10 Jan 2016, 18:18
ކުރީގެ ނައިބު ރައީސް އަޙުމަދު އަދީބު އަބްދުލް ޣަފޫރާ ދެކޮޅަށް ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ ކުށުގެ ދައުވާގެ މައްސަލައިގައި ސިއްރު އެއްޗެހިތަކެއް ހުންނާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އޭނާގެ ވަކީލު އަދި ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް ޙުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.
ފިސްތޯލައެއް ގެންގުޅު ކަމުގެ ތުހުމަތަށް އަދީބާ ދެކޮޅަށް ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާއާ ގުޅިގެން އޭނާ މިއަދު ކޯޓަށް ހާޒިރުކުމުން، ސަންގު ޓީވީއަށް ދެއްވި އިޓަވިއުއެއްގައި ޝަމީމް ވިދާޅުވީ މައްސަލައާ ގުޅޭ ގޮތުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ލިބޭ ހުރިހާ މައުލޫމާތެއް ދައުވާ ލިބޭ މީހާއަށް ފޯރުކޮށްދޭން ޖެހޭނެ ކަމަށެވެ.
"...މިސާލަކަށް އެމްއެންޑީއެފުން ފޮނުވާފައި އޮންނަ ސިޓީ. އެ ދެން ސިއްރު ލިއުމަކަށް ވާނެގޮތެއް ނޯންނާނެ ދެއްތޯ. ނޫނީ މިސާލަކަށް ފުލުހުން އަދީބުގެ ގެއިން ފެނުނުކަމަށް އެބުނާ އެއްޗެހީގެ ރިޕޯޓް، އެއްޗެއް ފެނުނިއްޔޯ. ދެން އެހެންވެއްޖެއްޔާ އެ ވެސް ނުވާނެ ސިއްރު އެއްޗަކަށް. އެއީ އެއަކަށް ބަދަލެއް ނުގެނެވޭނެ އަޅުގަނޑުމެންނަކަށް. އެހެންވީމާ އެކަހަލަ ކަންކަން، އަޅުގަނޑުމެންނަށް ގަބޫލެއް ނުކުރެވޭ އާދަޔާ ހިލާފު ސިއްރު އެއްޗެހި މިމައްސަލައިގައި ހުންނާނެ ކަމަކަށް،" ޝަމީމް ވިދާޅުވިއެވެ.
އަދީބުގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމް ދައުވާއާ ގުޅިގެން މިއަދު ބޭއްވި ފުރަތަމަ ޝަރީއަތުގެ މަޖިލީހުގައި އަދީބު ވިދާޅުވީ، ވަކީލަކު ލައްވައި މައްސަލައިގެ ލިޔުންތައް ހޯދުމަށް އެދުނު ނަމަވެސް ދައުވާ ފޯމު ފިޔަވައި އިތުރު އެއްޗެއް އޭނާއަށް ލިބިފައި ނުވާ ކަމަށެވެ.
"ވަކީލެއް ލައްވައި މައްސަލައިގެ ޑޮކިއުމެންޓްތައް ހޯދަން ސިޓީލުމުން ދިނީ ހުލާސާ ބަޔާނެއް އެކަނި. ހުލާސާ ބަޔާން އެކަނި ލިބިގެން ވަކީލަކު ހަމަޖައްސަން އުނދަގޫ،" އަދީބު ވިދާޅުވި އެވެ.
ޓެރަރިޒަމްގެ ދައުވާ އަދީބުގެ މައްޗަށް އުފުލާފައި ވަނީ ފިސްތޯލައެއް ގެންގުޅުކަމުގެ ތުހުމަތުގައެވެ. ކްރައިމް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ހެޑް، ޗީފް ސުޕްރިންޓެންޑެންޓު އޮފް ޕޮލިސް ހަމްދޫން ރަޝީދު ވިދާޅުވީ، ނާއިބު ރައީސް ދިރިއުޅުއްވި އެޕާޓްމަންޓުގައި އަދީބު ފިސްތޯލަ ގެންގުޅުނު ކަމަށް ބައެއް ފަރާތްތަކުން ފުލުހުންގެ ތަހުގީގަށް ބަޔާންދީފައިވާ ކަމަށެވެ.
ފުލުހުންގެ އޮފިޝަލަކު ވިދާޅުވީ، އަދީބު އޭނާ ދިރިއުޅުއްވި އެޕާޓްމަންޓުގައި ފިސްތޯލަ ގެންގުޅެފައި ވަނީ ތަންކޮޅެއް ކުރިން ކަމަށެވެ. އަދި އެ މައުލޫމާތު ލިބުނު ފަރާތްތަކުން ފުލުހުންނަށް އެކަން ކުރިން ރިޕޯޓުކޮށްފައި ނުވަނީ އޭރުގެ ހާލަތު އޮތްގޮތުން ކަމަށް ވެސް އޮފިޝަލް ވަނީ ވިދާޅުވެފަ އެވެ.