ނ.ވެލިދޫ ޕޮލިސް ސްޓޭޝަނުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ފައިސާ އާއެކު އެރަށުން ދެ ކުޑަކުއްޖަކު ހައްޔަރުކޮށްފިއެވެ.

އެ މައްސަލާގައި ހައްޔަރުކޮށްފައިވަނީ އުމުރުން 17 އަހަރުގެ ކުއްޖަކާއި 15 އަހަރުގެ ކުއްޖެކެވެ.

ފުލުހުން ބުނީ، އެ ދެކުދިން ހައްޔަރު ކުރުމަށްފަހު ދިރިއުޅޭ ގެ ބަލައި ފާސް ކުރި އިރު އެ ގޭތެރޭގައި ހުރި އަނބުގަހެއް ކައިރީ ހުރި އެސްލޯނު ހޮޅިއެއްގެ ތެރެއިން ގިނަ އަދަދެއްގެ މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ތަކެއްޗާއި ފައިސާ ފެނިފައިވާ ކަމަށެވެ.

އަދި އެ ދެކުދިން މަސްތުވާތަކެތި ފޮރުވާ ކަމަށް ބެލެވޭ ޕާކެއްގެ ފާރު ކައިރިންވެސް މަސްތުވާތަކެތި ކަމަށް ޝައްކު ކުރެެވޭ އެއްޗެހި ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އެގޮތުން ފުލުހުން ހިންގި އެ އޮޕަރޭޝަނުގައި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެހި ހުރި ޖުމްލަ 84 ސެލޯފިންކޮޅާއި އެފަދަ އެއްޗެއް ހުރި 18 ރަބަަރުކޮޅު ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ، އެ ދެކުދިން ހައްޔަރު ކުރުމަށްފަހު ބަންދާ މެދު ގޮތެއް ނިންމުމަށް ނ.މަނަދޫ މެޖިސްޓުރޭޓު ކޯޓަށް ހާޒިރު ކުރުމުން ހޯމް މިނިސްޓްރީ އިން ކަނޑައަޅާ ތަނެއްގައި ބަހައްޓައިގެން ތަހުގީގު ކުރިއަަށް ގެންދިއުމަށް ފަސް ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ.

ހަމައެހެންމެ، އާއްމު ފަރާތަކުން ލިބުނު މައުލޫމާތަކާއި ގުޅިގެން ގެއެއް ބަލައި ފާސް ކުރި އިރު ބަނގުރާ ކެއްކުމަށް ތައްޔާރުކޮށްފައިވާ 20 ލީޓަރުގެ ދެހަމާއި ބަނގުރާ ކެއްކުމަށް ބޭނުންކުރާ ސާމާނު ވެސް ވެލިދޫއިން ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އެ މައްސަލާގައި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާއިރު، އެ ދެ މައްސަލަ ނ.ވެލިދޫ ޕޮލިސް ސްޓޭޝަނުން އަންނަނީ ތަހުގީގު ކުރަމުންނެވެ.