10 Jan 2016, 19:56
އަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވާ ސައުތު އޭޝިއަން ގޭމްސްއަށް ސަރުކާރުގެ ޚަރަދުގައި ގައުމީ އަންހެން ފުޓްބޯޅަ ޓީމު ފޮނުވުމަށް ކުޅިވަރުގެ ގައުމީ މަޖިލީހުން ފުރުސަތު ނުދިނުމުން އެ ޓީމް އޭޝިއަން ގޭމްސްއަށް ފޮނުވޭނެ އެހެން ގޮތެއް އޮތްތޯ ބަލަމުން އަންނަ ކަމަށް އެފްއޭއެމް އިން ބުނެފިއެވެ.
ސަންއާ ވާހަކަ ދައްކަމުން އެފްއޭއެމްގެ ޖެނަރަލް ސެކްރެޓަރީ ބައްސާމް އަދީލް ޖަލީލު ވިދާޅުވީ ހަމައެކަނި މާލޭގައި ޕްރެކްޓިސްކޮންގެން އަންހެން ފުޓްބޯޅަ ޓީމަށް ކުރިއެރުން ނުލިބޭނެ ކަމަށާއި އަންހެން ފުޓްބޯޅަ ޓީމު ކުރިއަރުވަން ބޭނުންވާނަމަ ވާދަވެރި މުބާރާތްތަކުގައި ވާދަ ކުރަން ޖެހޭ ކަމަށެވެ.
"ސާފް ގޭމްސް އެއީ އަންހެން ފުޓްބޯޅަ ޓީމަށް ވަރަށް ރަނގަޅު ފުރުސަތެއް. ޓީމަށް ކުރިއެރުން ބޭނުންވޭ އެހެންވެ އަންހެން ޓީމަށް ކޮމްޕަޓޭޓިވް މެޗްތަކެއް ބޭނުންވޭ،" ބައްސާމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެ ޓީމު ސާފް ގޭމްސްއަށް ފޮނުވުމަށް މަސައްކަތް ކުރަމުންދާކަމަށާއި އެކަންކުރެވޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށެވެ.
"އަޅުގަނޑުމެންގެ ވިސްނުން ހުރީ ޓީމް ސައުތު އޭޝިއަން ގޭމްސްއަށް ފޮނުވަން. އެހެންވެ ޓީމު ފޮނުވޭނެ ގޮތެއް ބަލަމުން މިގެންދަނީ. އިރާދަ ކުރެއްވިއްޔާ ވަކި ގޮތެއް ހަމަޖެހި އަންހެން ޓީމު ގޭމްސްގައި ވާދަ ކުރާނެ،" ބައްސާމް ވިދާޅުވިއެވެ.
މިމަހުގެ ތިން ވަނަ ދުވަހު ކުޅިވަރު ގައުމީ މަޖިލީހުން ފާސްކޮށްފައިވާ ގަރާރުގައި ސަރުކާރުން ޚަރަދުކޮށްގެން ފޮނުވުމަށް ހަމަޖެހިފައިވާ ޓީމުތަކާއި އެތުލީޓުންގެ ތެރޭގައި އަންހެން ފުޓްބޯޅަ ޓީމެއް ނުހިމެނެއެވެ.
ޔޫތު މިނިސްޓްރީން ބުނީ ކުޅިވަރުގެ ގައުމީ މަޖިލީހުން ޓީމުތަކަށާއި ކުޅިވަރުތަކަށް ފުރުސަތު ދިނުމުގައި ބަލާފައިވަނީ ވޭތުވެދިޔަ ތަނުގައި އެކުޅިވަރަކުން ނުވަތަ އެޓީމަކުން ހޯދާފައިވާ ކާމިޔާބީއެއްގެ މައްޗަށް ބަލައިގެން ކަމަށެވެ.
މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ޖެނަރަލް ސެކްރެޓަރީ އަހްމަދު މަރުޒޫޤް (މަރޭ) ވިދާޅުވީ ކުޅިވަރުތަކަށް ފުރުސަތު ދިނުމުގައި އޮލިމްޕިކް ކޮމިޓީއިން ތިން ކަމަކަށް ބަލާ ކަމަށެވެ. އެއީ ކާމިޔާބު ހޯދުމަށާއި، ޒުވާނުންނަށް ފުރުސަތު ދިނުމަށާއި، ހުރިހާ ކުޅިވަރަކުން ޖިންސް ހަމަހަމަކަން ހޯދައިދިނުން ކަމަށް މަރޭ ވިދާޅުވިއެވެ.
ސައުތު އޭޝިއަން ގޭމްސް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ހަވަނަ ދުވަހުން ފެށިގެން 16 ވަނަ ދުވަހުގެ ނިޔަލަށް އިންޑިއާގެ ގުވާޓީ އަދި ޝިލޮންގްގައެވެ.