ދިރާސީ އާ އަހަރު ހދ. ހަނިމާދޫ ދަރިވަރުންނަށް ކިޔަވަދޭނީ އެ ރަށުގައި އަލަށް އިމާރާތް ކުރި ސުކޫލްގައި ކަމަށް އެޑިއުކޭޝަން މިނިސްޓްރީ އިން ބުނެފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކިއުޓިވް އިބްރާހިމް އިސްމާއިލް ސަން އަށް ވިދާޅުވީ، ހަނިމާދޫގައި އަލަށް އިމާރާތް ކުރި ސުކޫލަކީ ކުރީގެ ސުކޫލަށް ވުރެ ޖާގައިގެ ގޮތުން ބޮޑު ސުކޫލެއް ކަމަށެވެ.

"ކުރީގެ ސުކޫލް ކުޑަވީމަ، އޭ ލެވެލް ވެސް އުފައްދަން ބޭނުންވާތީ. އެހެންވީމަ ބޮޑު ތަނަކަށް ނޫންތޯ ދާން ޖެހެނީ،" އިބްރާހިމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އަލަށް އިމާރާތް ކުރި ސުކޫލްގައި ދިރާސީ އާ އަހަރު ކިޔަވަދޭން ފެށި ނަމަވެސް އެ ސުކޫލް އެއްކޮށް ފުރިހަމަ ނުވާ ކަމަށެވެ.

"ދެން އަންނަ ފޭސްއެއްގައި އިންނާނެ އެތަނުގެ ހޯލު އިމާރާތް ކުރުމުގެ މަސައްކަތް... މިހާރު ކުލާސް ރޫމްތައްވެސް ބޭނުންވާ ވަރަށް ހަދާފަ ހުންނާނެ. އެ ސުކޫލްގައި ދެ ސެޝަނަށް ކިޔަވަދޭނެ،" އިބްރާހިމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ހަނިމާދޫގެ ކުރީގެ ސުކޫލް އިމާރާތުގައި ދަރިވަރުންނަށް ބޭނުންވާ ތަފާތު ތަމްރީނު ޕްރޮގުރާމްތައް ހިންގުމަށް ނިންމާފައިވާ ކަމަށެވެ.

ހަނިމާދޫގައި އަލަށް ހެދި ސުކޫލް އިމާރާތުގައި ހިމެނެނީ 24 ކުލާސް ރޫމާއި ފާހާނާ ބަރިއެކެވެ. އެ މަސައްކަތް 5.2 މިލިއަން ރުފިޔާ އަށް ހަވާލުކޮށްފައި ވަނީ އައިލެންޑު ލައިން ޕްރައިވެޓު ލިމިޓެޑާއެވެ.