ހދ. ނޭކުރެންދޫގައި ޕިކަޕަކާއި ސައިކަލެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 22 އަހަރުގެ ޒުވާނަކަށް ސީރިއަސް ޒަޚަމްތަކެއް ލިބިއްޖެ އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި އިއްޔެ މެންދުރު 2:00 ޖަހާއެހާކަންހާއިރު ހިނގި އެ އެކްސިޑެންޓުގައި އަނިޔާވެފައިވަނީ ސައިކަލު ދުއްވަން އިން ނޭކުރެންދޫ ބިލަތްމަގުމާގެ، ހަސަން އަބްދުއްލަތީފް އެވެ.

އޭނާއަށް ނޭކުރެންދޫ ސިއްހީ މަރުކަޒުގައި ފަރުވާދިނުމަށްފަހު މިހާރު ވަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސް، އައިސީޔޫގައި ފަރުވާދޭން ފަށައިފަ އެވެ.

ކުޅުދުއްފުށި ހޮސްޕިޓަލުން ބުނީ، އެ ޒުވާނާގެ ފުރާނައަށް އެއްވެސް ނުރައްކަލެއް ނެތް ނަމަވެސް، ސީރިއަސް ޒަޚަމްތަކެއް ލިބިފައިވާ ކަމަށެވެ. އެގޮތުން ބޮލަށާއި ކަރަށް ސީރިއަސް ޒަޚަމްތަކެއް ލިބިފައިވާއިރު އެތެރެ ހަށިން ކޮންމެވެސް ވަރަކަށް ލޭފައިބަމުންދާ ކަމަށެވެ. އަދި އޭނާގެ ގައިގެ އެތައް މިތަނުން ވަރަށް ބޮޑަށް މަށައިގެންގޮސްފައި ކަމަށް ވެސް އެ ހޮސްޕިޓަލުން ބުނެ އެވެ.

ފުލުހުން ބުނީ، ޕިކަޕް ދުއްވަން އިނީ ދިވެއްސެއް ކަމަށާއި އެ އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބު މިހާރު ތަހުގީގުކުރަމުންދާ ކަމަށެވެ.