މަރުވެފައި އޮއްވައި ފެނުނު ހައްވާ ޒުހާގެ ދަރިޔަކު ދައުލަތުގެ ބެލުމުގެ ދަށުގައި ނެތް ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފި އެވެ.

ޒުހާގެ މަރާގުޅިގެން މީޑިއާތަކުގައި ތިލަ ވެގެންދިޔަ ހަބަރަކީ ޒުހާގެ ދެ ދަރިން ތިބި ކަމަށާއި އޭގެ ތެރެއިން އެއްކުއްޖަކު ހުންނަނީ ކުޑަކުދިންގެ ހިޔާގައި ކަމަށެވެ.

ޖެންޑާ މިނިސްޓްރީން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ޒުހާގެ ދަރިއެއް ކުޑަކުދިންގެ ހިޔާގައި ބަލަހައްޓަމުން ގެންދާކަމަށް މީޑިއާތަކުން ގެނެސްދީފައިވާ ހަބަރަކީ ސައްހަ ހަބަރެއް ނޫން ކަމަށެވެ.

"ހައްވާ ޒުހާގެ ދަރިއަކު އެއްވެސް އިރެއްގައި ދައުލަތުގެ ބެލުމުގެ ދަށަށްނެގި ބަލަހައްޓާފައި ނުވޭ،" ޖެންޑާ މިނިސްޓްރީގެ ބަޔާނުގައި ބުނެފައިއެވެ.

ޒުހާގެ އާއިލާއިން ސަން އަށް މައުލޫމާތުދިންގޮތުގައި ޒުހާގެ ހުންނަނީ އެންމެ ދަރިއެކެވެ. އެދަރިފުޅު ބަލަހައްޓަނީ ކުއްޖާގެ ބައްޕައެވެ.

މިދިޔަ ބުދަ ދުވަހުގެ ރޭ ހ. ލާލުގެ ގޯޅިގަނޑު ތެރޭގައި މަރުވެފައި އޮއްވައި ޒުހާ ފެނިފައިވާއިރު އެމައްސަލާގައި ދެ މީހަކު ވަނީ ހައްޔަރުކޮށްފައެވެ.