ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަބްދުލް ޣަފޫރާއި އިތުރު ބައެއްގެ މައްޗަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ 49 މައްސަލާގައި ދައުވާކުމާ މެދު ގޮތެއް ނިންމާނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ތަހުގީގު ނިމުމުން ކަމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.

ޕީޖީ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ އެ މައްސަލަތަކުގެ ތަހުގީގު ނިންމައި މޯލްޑިވްސް ޕޮލިސް ސާވިސް އިން އެ އޮފީހަށްފޮނުވާފައިވީނަމަވެސް، އެ މައްސަލަތަކުގެ ތަފާތު ތަހުގީގެއް އެންޓި ކޮރަޕްޝަން ކޮމިޝަނުން އަންނަނީ ކުރަމުން ކަމަށެވެ.

އެހެންކަމުން އެ ކޮމިޝަންގެ ތަހުގީގު ނުނިމެނީސް ދައުވާ ކުރިއަށްގެންގޮސްފިނަމަ ގާނޫނީގޮތުން ކުރިމަތިވެދާނެ ހުރަސްތަކުން ސަލާމަތްވުމުގެ ގޮތުން މިހާތަނަށް އެ މައްސަލަތަކުގައި ދައުވާ ކުރުމާ މެދު ގޮތެއް ނުނިންމާ ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.

"އަދި އެންޓި -ކޮރަޕްޝަން ކޮމިޝަންގެ ތަހުގީގު ނިމުމުން ހުރިހާ މައްސަލަތަކެއް ދިރާސާކުރުމަށްފަހު ދަޢުވާކުރުމާމެދު ގޮތެއް ނިންމާނެ ވާހަކަ ދަންނަވަމެވެ،" ޕީޖީ އޮފީހުގެ ބަޔާނުގައި ވެއެވެ.

ޓޫރިސްޓު ރިސޯޓު ތަރައްގީކުރުމަށް ކޮރަޕްޝަނަށް މަގުފަހިވާގޮތަށް އެމްއެމްޕީއާރްސީން ރަށްތަކާއި ފަޅުތައް ކުއްޔަށް ދޫކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި އެތަނުގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތާއި އަދީބުގެ މައްޗަށް ތުހުމަތު ކުރެވޭ 48 މައްސަލައެއް ފުލުހުން ޕީޖީ އޮފީހަށް ފޮނުވާފައިވެއެވެ. އަދި ނަސަންދުރާ ޕެލެސްހޮޓެލް ތަޅާލުމަށްފަހު ޒަމާނީފެންވަރަށް އެތަން ތަރައްގީކުރަން ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ކުންފުންޏަކަށް ހަވާލުކުރި މައްސަލާގައި އަދީބުގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ފުލުހުން ވަނީ ޕީޖީ އޮފީހަށް ފޮނުވާފައެވެ.