10 Jan 2016, 17:59
އިންޑިއާގެ ބާނީ މަހާތުމާ ގާންދީ ދެކުނު އެފްރިކާގައި ދިރިއުޅުއްވުމަށް ފަހު އެނބުރި ގައުމަށް ވަޑައިގެންނެވި ތާރީހާ ގުޅުވައިގެން ، ފާހަގަކުރަމުން އަންނަ ' އޯވަސީސް އިންޑިއާ ޑޭ' ރާއްޖޭގައި އިއްޔެ ފާހަގަކޮށްފިއެވެ.
އޯވަސީސް އިންޑިއާޑޭ ފާހަގަކުރުމަށް އިންޑިއާ ހައިކޮމިޝަނުން އިންތިޒާމްކޮށްގެން ބޭއްވި ރަސްމިއްޔާތުގައި ރާއްޖޭގައި މަސައްކަތް ކުރާ އިންޑިއާގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވިކަމަށް ހައިކޮމިޝަނުން ބުންޏެވެ. އެގޮތުން ބައިވެރި މީހުންގެ ތެރޭގައި ޑޮކްޓަރުންނާއި ޓީޗަރުންނާއި އެހެނިހެން ދާއިރާތަކުގައި މަސައްކަތް ކުރާ މީހުން ހިމެނެއެވެ.
އެރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަކިލޭޝް މިޝްރާ ކަމަށް އިންޑިއާ ހައިކޮމިޝަނުން ބުންޏެވެ.
ރަސްމިއްޔާތުގައި ބައިވެރިވި އިންޑިއާ ރައްޔިތުންނާ މުހާތަބުކުރައްވައި ވާހަކަފުޅުދައްކަވަމުން މިޝްރާ ވިދާޅުވީ ރާއްޖޭގައި މަސައްކަތްކުރާ އިންޑިއާގެ ރައްޔިތުންނަކީ ދެގައުމުގެ ގުޅުން ބަދަހިކުރުމުގައި ވަރަށް މުހިއްމު ދައުރެއް އަދާކުރާ ބައެއް ކަމަށެވެ.
ރާއްޖޭގައި މަސައްކަތްކުރާ އިންޑިއާ ރައްޔިތުން ހިންގާ ޖަމިއްޔާއެއް ކަމަށްވާ އިންޑިއާ ކްލަބަށް، އިންޑިއާ ހައިކޮމިޝަނުން 25000 ރުފިޔާ ހަދިޔާކުރުން ވެސް އެހަފުލާގައި އޮތެވެ.
އޯވަސީސް އިންޑިއާޑޭ ފާހަގަ ކުރުމުގެ ގޮތުން ބޭއްވި ހަފްލާގައި އެގައުމުގެ ސަގާފީ ހަރަކާތްތައް ވެސް ބޭއްވިއެވެ.