މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ މައްޗަށް އުފުލާފައިވާ ޚިޔާނާތްތެރިވުމުގެ ކުށުގެ ދައުވާގެ ދެވަނަ އަޑުއެހުން މާދަމާއަށް ތާވަލްކޮށްފިއެވެ.

އެ މައްސަލައިގެ ދެވަނަ އަޑުއެހުން ބާއްވަން ތާވަލްކުރީ މާދަމާ 9:30 ގައެވެ.

އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން ބާއްވާފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހުއެވެ. އެ ދުވަހު އޭނާ ވަނީ ދައުވާއަށް އިންކާރު ކުރައްވާފައެވެ. އެދުވަހު އޭނާގެ ގާނޫނީ ވަކީލު ވެސް ކޯޓަށް ވަޑައިގަތެވެ.

ޒިޔަތުގެ މައްޗަށް އެ ދައުވާ އުފުލާފައި ވަނީ މާލެ އަތޮޅުގެ ފަޅެއް 50 އަހަރަށް އެބޮނީ ޕްރައިވެޓް ލިމިޑެޓް ނަމަކަށް ކިޔާ ކުންފުންޏަކަށް އެމްއެމްޕީއާރްސީން ކުއްޔަން ދިނުމުން، އެކަމުގެ އަގުގެ ގޮތުގައި އެ ކުންފުނީގެ ފަރާތުން ދައުލަތަށް ދެއްކި 1،000،000 ޑޮލަރުގެ ޗެކަކާ ޒިޔަތު ހަވާލުވެ، އެ ޗެކުގައިވާ ފައިސާ ދައުލަތަށް ލިބިފައި ނުވާތީ އެވެ.

ޒިޔަތުގެ މައްޗަށް އެ ދައުވާ އުފުލާފައި ވަނީ ގާނޫނުލް އުގޫބާތުގެ 215 ވަނަ މާއްދާގެ (ހ)އާ ހަވާލާދީ އެ ގާނޫނުގެ 210 ވަނަ މާއްދާގެ (ށ) ގެ އެއްވަނަ ނަންބަރުގެ ދަށުންނެވެ.

އެދުވަހުގެ ޝަރީއަތުގެ މަޖިލީހުގައި އިސް ގާޒީ އަބްދުﷲ މުހައްމަދު ވިދާޅުވީ ހެކީން ސިއްރުކޮށްދިނުމަށް ދައުލަތުން ކޯޓުގައި އެދިފައިވާ ކަމަށެވެ.

އިސް ގާޒީ ވިދާޅުވީ އެ މައްސަލައިގެ ހުރިހާ ލިޔެކިޔުންތައް ދައުލަތުން ކޯޓަށް ހުށަހަޅާފައިނުވާ ކަމަށާއި ހަމައެކަނި ހުށަހަޅާފައި ވަނީ ދައުވާ ފޯމު އެކަނި ކަމަށެވެ.

ޒިޔަތުގެ ގާނޫނީ ވަކީލު ވެސް އެދުވަހުގެ ޝަރީއަތަށް ހާޒިރުވެފައިވާއިރު ދައުވާ އަށް ޖަވާބުދާރީވާން ހަތް ދުވަހުގެ ފުރުސަތެއް ކޯޓުން ވަނީ އޭނާ އަށްދީފައެވެ.