10 Jan 2016, 15:49
ރައްޔިތަކު ފުލުހުންގެ ކިބައިން އެހީތެރިކަމަށް އެދޭ ހިނދު ފުލުހުންގެ ފަރާތުން ދިއްކޮށްލެވޭ އަތަކީ އިހްލާސްތެރިކަމާ އެކު ދިއްކޮށްލެވޭ އަތަކަށް ވާން ޖެހޭނެ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް އަހުމަދު އަރީފު ވިދާޅުވެއްޖެ އެވެ.
މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިސް އޮފިސަރުންނަށް އަމާޒުކޮށްގެން މިއަދު އިސްކަންދަރު ބިލްޑިންގްގައި ފެށި "އިފެކްޓިވް ލީޑާ ޓްރެއިނިންގް" ޕްރޮގްރާމް އިފްތިތާހް ކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ސީޕީ ވިދާޅުވީ ފުލުހުންގެ ހިދުމަތަކީ އެ ހިދުމަތް ލިބިގަންނަ ބަޔަކު ކަށަވަރު ކަމާއެކު ބަލައިގަންނަން ބޭނުންވާނެ ހިދުމަތެއް ކަމަށެވެ.
ރައްޔިތަކު ފުލުހުންގެ ފަރާތުން އެހީތެރިކަމަށް އެދެނީ އެ ރައްޔިތަކަށް އެކަމެއް ބޮޑުވެ އެކަމަށް އަލިމަގެއް ފެންނާނެ އިތުރު ގޮތެއް ނެތިގެންކަމަށް ދެކިވަޑައިގަންނަވާ ކަމަށް އަރީފު ވިދާޅުވި އެވެ.
"އެހެންކަމުން އެފަދަ ދަނޑިވަޅެއްގައި ފުލުހުންގެ އިހްލާސްތެރި ހިދުމަތް ތެދުވެރިކަމާއި ހަމަހަމަކަމާ އެކު ފޯރުކޮށްދޭންޖެހޭނެ،" ސީޕީ އަހުމަދު އަރީފު ވިދާޅުވި އެވެ.
ފުލުހުންނަށް ހާއްސަކޮށްގެން ތަމްރީނު ޕްރޮގްރާމުތައް ހިންގުމަކީ މުހިންމު ކަމެއް ކަމަށް ފާހަގަކުރައްވައި ސީޕީ އަރީފު ވިދާޅުވީ ތަމްރީނުގެ ބޭނުން ކެނޑިނޭޅި ފުލުހުންނަށް ބޭނުންވާ ކަމަށެވެ.
"ވަކި އުސޫލެއްގެ މަތިން، ވަކި ގޮތަކަށް ތަރުބިއްޔަތުވެގެން، މާތް ﷲ ގަންދީ ހުވާކޮށްގެން ތިބި ބަޔަކުދޭ ހިދުމަތްތަކަކީ އެ ލިބިގަންނަ ބަޔަކު އަބަދުވެސް އެންމެ ފުރިހަމައަށް، ކަށަވަރުކަމާއެކު ބަލައިގަންނަ ހިދުމަތަކަށް ވާން ހަމަ ޔަގީނުން ވެސް ބޭނުންވާނެ. އެހެންކަމުން ތަމްރީންގެ ބޭނުން ކެނޑިނޭޅި މިތަނަށް ބޭނުންވޭ،" ސީޕީ އަހުމަދު އަރީފު ވިދާޅުވި އެވެ.
ކޮންމެ މީހަކުވެސް އިލްމީ ގާބިލްކަމާއި ތަމްރީނާއި އަމަލީ ތަޖުރިބާ ހޯދި ނަމަވެސް މަސައްކަތުގެ މައިދާނުގައި އޭގެ ބޭނުންކުރުމުގެ ގާބިލްކަން ނެތްނަމަ އޭގެ އެންމެ ފުރިހަމަކަމާއެކު އެ ހިދުމަތް ފޯރުކޮށްދެވިގެން ނުދާނެ ކަމަށް އަރީފު ވިދާޅުވި އެވެ.