ލ.ގާދޫ މީހުންނަށް އެ އަތޮޅު ފޮނަދޫގައި ސަރުކާރުން އަޅާފައިވާ ގެތަކުގެ ވެރިފަރާތްތަކަށް އެ ގެތައް ހަވާލުކުރުމުގެ މަސައްކަތް ފަށައިފި އެވެ.

މިއަދު ހެނދުނު ފޮނަދޫގައި ވަނީ ގެތަކުގެ އެގްރީމަންޓްތަކުގައި ސޮއި ކުރަން ފަށައިފަ އެވެ. އެގޮތުން ފޮނަދޫ ބަރާސީލް އަވަށުގައި އަޅާފައިވާ 40 ގޭގެ ވެރިފަރާތާ އެކު މިއަދު އެގްރީމަންޓުގައި ސޮއިކޮށް ނިމޭނެ އެވެ.

ގާދޫ މީހުން ފޮނަދު އަށް ބަދަލުކުރުމުގެ އަމަލީ މަސައްކަތް މާދަމާ ފެށުމަށް ހަމަޖެހިފައިވާ އިރު، ބުދަ ދުވަހުގެ ކުރިން އެ މަސައްކަތް ނިންމާލެވޭނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެ އެވެ.

ގާދޫ މީހުންނަށް ފޮނަދޫގައި އިމާރާތް ކޮށްދިން ގެތައް ހަވާލު ކުރަނީ -- ފޮޓޯ: ޕީއެސްއެމް

އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުން، ގާޑޫ މީހުން ފޮނަދޫއަށް ބަދަލު ކުރުމުގެ މަސައްކަތް ފަށާފައިވާ އިރު، މިހާތަނަށް ނިމިފައި ވަނީ 85 ގޭގެ މަސައްކަތެވެ. ދެ މަސް ދުވަހުގެ ތެރޭގައި ބާކީ ހުރި ގެތަކުގެ މަސައްކަތް ފެށުމުގެ މަސައްކަތް ހައުސިން މިނިސްޓްރީން ކުރަމުން އަންނަ އިރު، ގެތަކުގެ މަސައްކަތް އެއްކޮށް ނިމެންދެން އެ އާއިލާތައް ދިރިއުޅޭނެ ތަންތަން ހަމަޖައްސާނެ ކަމަށް ސަރުކާރުން ބުނެ އެވެ.

ފޮނަދުއަށް ބަދަލުވާ ގާދޫގެ ކޮންމެ އާއިލާއަކަށް ސަރުކާރުން 60,000 ރުފިޔާ ދިނުމަށް ނިންމާފައިވާ އިރު، ފޮނަދުއަށް ބަދަލުވާ ދުވަހު އެ ފައިސާ އާއިލާތަކަށް ހަވާލު ކުރާނެ ކަމަށް ހައުސިން މިނިސްޓްރީ އިން ބުންޏެވެ.