ޣައްޒާ (ޖަނަވަރީ 10) : ގަތަރުން ފަލަސްތީނުގެ ޣައްޒާގައި ބިނާކޮށްދިން ޓާޝަރީ ހޮސްޕިޓަލް ހުޅުވުމަށް ތައްޔާރުވަމުން އެބަދެ އެވެ.
ޣައްޒާ އަލުން ބިނާކޮށް އާރާސްތު ކުރުމަށް ގަތަރުން ހިންގާ ޕްރޮގްރާމްގެ ވެރިޔާ އެންބެސެޑާ އެޓް ލާޖް މުހައްމަދުލްއިމާދީ ވިދާޅުވީ ޣައްޒާގައި ގަތަރުން ބިނާކޮށްފައިވާ ޝައިޚް ހަމަދު ބިން ޚަލީފާ ހޮސްޕިޓަލަކީ ހުރިހާ ގޮތަކުން ވެސް ބައިނަލްއަގްވާމީ މިންގަނޑުތަކަށް ފެތޭ ޒަމާނީ ހޮސްޕިޓަލެކެވެ. މި ހޮސްޕިޓަލުގައި މަސައްކަތްކުރުމަށް ހަމަޖެހިފައިވާ ޑޮކްޓަރުންނަކީ ފަލަސްތީނުގެ މަތީ ފެންވަރުގެ ޑޮކްޓަރުންނާ އެނޫން ގައުމުތަކުގެ މަތީފެންވަރުގެ ޑޮކްޓަރުންނެވެ. މި ހޮސްޕިޓަލުގައި ޚިދްމަތް ކުރަން ބޭނުންވާ ޑޮކްޓަރުންނާއި ނަރުހުންނާ އަދި އެކިބާވަތުގެ ޓެކްނީޝަނުންނާ އަދި އިދާރީ މީހުންނަށް ދިގު މުއްދަތުގެ ބޮންޑެއް އޮންނަ ގޮތަށް ގަތަރުގެ ޔުނިވަސިޓީތަކުން ހިލޭ ސްކޯލަޝިޕްތައް ލިބޭނެގޮތް ގަތަރު ސަރުކާރުން ވަނީ ހަމަޖައްސައި ދީފަ އެވެ.

އެ ހޮސްޕިޓަކުގައި މަސައްކަތްކުރާ ޑޮކަޓަރުންނާއި ނަރުހުންނާ އެނޫން ވެސް މީހުންނަށް ދިނުމަށް ހަމަޖެހިފައިވާ މުސާރައިގެ ބޮޑުބައެއް ވެސް ގަތަރުން ފޯރުކޮށްދޭގޮތަށް ވެސް ވަނީ ހަމަޖެހިފަ އެވެ. މުސާރައިގެ އަނެއްބައި ފޯރުކޮށްދޭނީ ފަލަސްތީނުގެ ސަރުކާރުގެ ބަޖެޓުންނެވެ. މިހޮސްޕިޓަލުގައި އެންމެ ޒަމާނީ އާލާތްތަކާއި ލެބޯޓްރީތައް ހިމެނެ އެވެ.

ހަ ބުރީގެ މި ހޮސްޕިޓަލުގައި 200 އެނދު ހުންނަކަމަށް ވެ އެވެ. މީގެ އިތުރުން މިހޮސްޕިޓަލާ ގުޅިފައިވާ މެޑިކަލް ރީސާޗް މަރުކަޒަކާ އަދި މެޑިކަލް ތަމްރީންދޭ މަރުކަޒެއްވެސް ހުރެ އެވެ. އަދި ހަނގުރާމައިގާ އަތްފައި ބުރިވެފައިވާ މީހުންނަށް ބޭނުންވާ ސިނާއީ ގުނަވަންތައް އެސެމްބްލްކޮށް އެތަކެތި ގުނަވަންތަކުގައި ހަރުކުރާ ޚާއްސަ މަރުކަޒެއް ވެސް މިހޮސްޕިޓަލާ ގުޅިފައިވެ އެވެ.

މިހޮސްޕިޓަލް ބިނާކުރުމަށާ އަދި އެތަނަށް ބޭނުންވާ އާލާތްތަކާ ލެބޯޓްރީތަކާއި އެނޫންވެސް ތަކެތި ގަތުމަށް ގަތަރުން 45 މިލިޔަން ޑޮލަރު ޚަރަދުކޮށްފައިވާ ކަމަށްވެ އެވެ. މިހޮސްޕިޓަލުގައި ޒަމާނީ ޓާޝަރީ ހޮސްޕިޓަލެއްގައި ހުންނަ ހުރިހާ ޑިޕާޓްމަންޓްތަކެއް އެކުލެވެ އެވެ. މީގެ ތެރޭގައި ކެންސަރާއި ހިތުގެ ބަލިތަކާއި ފާޓިލިޓީއާ އަދި ސިކުޑީގެ ބަލިތަކަށް ޚާއްސަ ޑިޕާޓްމަންޓްތައް ހިމެނެ އެވެ. މި ހޮސްޕިޓަލުން ކުރެވޭ އޮޕަރޭޝަންތަކުގެ ތެރޭގައި ހިތުގެ ބައިޕާސް އޮޕަރޭޝަނާއި ކިޑްނީ ބަދަލުކުރުމާއި އެނޫން ވެސް ގުނަވަންތައް ޓްރާންސްޕްލާންޓް ކުރުމާ އަދި ކޮސްމެޓިކްސް ސާޖަރީފަދަ އޮޕަރޭޝަންތައް ވެސް ހިމެނެ އެވެ.

މިހޮސްޕިޓަލް ހުޅުވުމަށް ވާން ޖެހޭ ތައްޔާރީތައް ވުމަށްޓަކައި ގަތަރުގެ ފަންނީ މާހިރުންގެ ވަފްދެއް މިހާރުވަނީ ޣައްޒާއަށް ގޮސްފަ އެވެ. މި ހޮސްޕިޓަލުން ފަލަސްތީނުގެ އާންމުންނަށް ބޭސް ފަރުވާކޮށްދިނުމަށް ހަމަޖެހިފައިވަނީ ހިލެ އެވެ. (އަލްޖަޒީރާ)