ނޮވެމްބަރު 3، 1988 ގައި ރާއްޖޭގެ ވެރިކަން ބަދަލުކޮށްލަން ދިވެހިންގެ ބަޔަކު އަޑީގައި ތިބެގެން ދިން އުދުވާނީ ހަމަލާގައި ސިފައިންގެ މީހެއްގެ ގޮތުގައި ހުރެ ވަތަން ދިފާއުކުރުމުގެ ގޮތުން އެކަށީގެންވާ ގޮތެއްގައި މަސައްކަތް ކުރައްވާފައިވާ ކަމަށް ފާހަގަކުރެވޭ ފަރާތްތަކަށް ދޭ "ނޮވެމްބަރު 3ގެ މެޑަލް" ހައުސިން މިނިސްޓާ މުހައްމަދު އަސްލަމަށް އިއްޔެ ދެއްވައިފި އެވެ.

ޑިފެންސް މިނިސްޓްރީގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އަސްލަމަށް މެޑަލް ހަވާލުކޮށްދެއްވީ މިނިސްޓާ އޮފް ސްޓޭޓް ފޮ ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އަލްއުސްތާޒް މުހައްމަދު މުއިއްޒު އަދުދާން އެވެ.

އެމްއެންޑީއެފްގެ ވެބްސައިޓުގައި ބުނެފައިވަނީ، އަސްލަމަކީ 10 ނޮވެމްބަރ 2009 ގައި އެމް.އެން.ޑީ.އެފް ބަންޑާރަކޮށީގައި ބޭއްވި ރަސްމިއްޔާތުގައި މެޑަލި ލިބިލެއްވި ހަތް ބޭފުޅުންގެ ތެރޭގައި ހިމެނޭ ބޭފުޅެއް ކަމަށް ނަމަވެސް، އޭރު ތިނެއް ނޮވެމްބަރުގެ މެޑަލް އަސްލަމާ ހާވާލުނުކުރެވިއޮތީ އެދުވަހު މާލޭގައި ނުއުޅުއްވާތީ ކަމަށެވެ.

ނޮވެމްބަރު ތިނެއްގެ މެޑެއްޔަކީ 1988 ނޮވެމްބަރު 3 ވަނަ ދުވަހު ސްރީ ލަންކާއިން ކުލީ ސިފައިންގެ ބަޔަކު ގެނެސްގެން ރާއްޖެއަށްދިން އުދުވާނީ ހަމަލާގައި ސިފައިންގެ މީހަކަށްވެހުރެ ވަތަން ދިފާއުކުރުމުގެ ގޮތުން އެކަށީގެންވާގޮތެއްގައި މަސައްކަތްކުރައްވާފައިވާކަން ފާހަގަކުރެވޭ ފަރާތްތަކަށް ދެވޭ މެޑެއްޔެެކެވެ.