ރާއްޖޭގެ ފުޓްބޯޅައިގެ ތާރީޚުގައި މިހާތަނަށް ފެނިގެންދިޔަ އެންމެ އުފާވެރި މަންޒަރަކީ 2008 ވަނަ އަހަރުގެ ސާފްޗެމްޕިއަންޝިޕް މުބާރާތް ރާއްޖެ ކާމިޔާބުކުރުމެވެ. ބައިނަލްއަގުވާމީ މުބާރާތެއްގައި ރާއްޖެއިން ފުރަތަމަ ފަހަރަށް ރަން މެޑަލް ހޯދިއިރު އެޓީމުގައި ހިމެނުނު ކޮންމެ ކުޅުންތެރިޔަކާ މެދު ދިވެހިން ދެކެނީ ގައުމީ ބަޠަލުންގެ ގޮތުގައެވެ.

އެޓީމުގެ މެދުތެރޭގައި ހިމެނިގެންދިޔަ މުހިންމު ކުޅުންތެރިންގެ ތެރެއިން އެއް ކުޅުންތެރިޔަކީ ޝަމްވީލް ޤާސިމް (ބޮންޑާ) އެވެ. ސާފް ޗެމްޕިއަންޝިޕް ރާއްޖެއަށް ކާމިޔާބު ކޮށްދިނުމުގެ އިތުރަށް ބޮންޑާވަނި 2014 ވަނަ އަހަރު ރާއްޖޭގައި ބޭއްވި އޭއެފްސީ ޗެލެންޖުކަޕްގެ ރަންވަން ލޯ މެޑަލް ރާއްޖެއަށް ހޯދައިދިނުމުގައި ވެސް މުހިންމު ދައުރެއް އަދާކޮށްފައެވެ.

ނަމަވެސް ދެހާސް ސާދަ ވަނަ އަހަރު ގަލޮޅު ދަނޑު ދޫކޮށް އުފަން ރަށް ސ. ހިތަދޫއަށް ބަދަލުވިފަހުން ބޮންޑާ އަލުން ގަލޮޅު ދަނޑުން ފެނިފައެއް ނުވެއެވެ. އޭރު އޭނާ ކުޅެމުންދިޔައީ ނިއުރޭޑިއަންޓަށެވެ.

ފުޓްބޯޅައިގެ އެންމެ މަތީ ލެވަލްގައި ކުޅުން މެދުކެނޑުމަކަށްފަހު އޭނާ އަލުން ގަލޮޅު ދަނޑަށް އަންނަން ތައްޔާރުވަނީއެވެ.

މިއަހަރުގެ ސީޒަންގައި ޓީސީ ސްޕޯޓްސް ކުލަބަށް ކުޅެން ބޮންޑާ ވަނީ އެއް އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

ޓީސީގެ ރައީސް އަހްމަދު ނާޝިދު (ޑޭވް) ވަނީ ސަންއަށް އެކަން ކަށަވަރު ކޮށްދީފައެވެ. ޑޭވް ވިދާޅުވީ، މިއަހަރުގެ ސީޒަނަކީ ބޮންޑާގެ ފުޓްބޯޅަ ކެރިއާގެ އެންމެ ފަހު ސީޒަން ކަމަށް އޭނާ ބުނެފައިވާ ކަމަށެވެ.

"އެހެންވެ އޭނާގެ އެންމެ ފަހު ސީޒަން ޓީސީގައި ހޭދަކުރަން ބޮންޑާ ބޭނުން ވަނީ،" ޑޭވް ވިދާޅުވިއެވެ.

ޑޭވް ވިދާޅުވީ، އިތުރު އަހަރަކަށް ބޮންޑާ ކުޅޭނަމަ އެކަމަށް ޓީސީން މަރުހަބާ ކިޔާނެ ކަމަށާއި ނަމަވެސް މިވަގުތަށް އޭނާ ނިންމާފައި އޮތީ މިއަހަކީ ފުޓްބޯޅަ ކެރިއަރުގެ އެންމެ ފަހު އަހަރު ކަމަށް ބޮންޑާ ބުނެފައިވާ ކަމަށެވެ.

ބޮންޑާ ވަނީ މިނިވަން 50 ޗެމްޕިއަންޝިޕްގައި މިދިޔަ އަހަރު އަމިއްލަ ރަށު ޓީމަށާއި ފަރެސްމާތޮޑާ ޓީމަށް ކުޅެފައެވެ.

ބޮންޑާ އަލުން ރާއްޖޭގެ އެންމެ މަތީ ލެވަލްގައި ފުޓްބޯޅަ ކުޅެން ފެށުމަކީ ދިވެހި ފުޓްބޯޅައަށް ލޯބި ކުރާ ފަރާތްތަކަށް ލިބޭނެ އުފާވެރި ޚަބަރެކެވެ.