މަދުން ނޫނީ ނުފެންނަ ޔަންގް ގެލެކްސީ ކްލަސްޓާއެއްގެ ބަރުދަން ނާސާ އިން ބަލައިފި އެވެ.

ދުނިޔެއާ 10 ބިލިއަން ލައިޓްއިޔާސް ދުރުން ފެނުނު އެގެލެކްސީ ކްލަސްޓާގައި 500 ޓްރިލިއަން އިރުގެ ބަރުދަން ހުރެ އެވެ. ކުރުކޮށް އައިޑީސީއެސް 1426ގެ ނަން ދީފައިވާ އެ ގެލެކްސީ ކްލަސްޓާ އިތުރަށް ދިރާސާ ކުރުމުން ކާއިނާތު އުފެދިގެން އައި އިރު އެފަދަ ގެލެކްސީ ކްލަސްޓާތައް އުފެދިގެން އައި ގޮތާއި ބޮޑުވަމުން ދިޔަ ގޮތާ ބެހޭ މައުލޫމާތު އެނގިގެންދާނެ ކަމަށް ނާސާ އިން ބުންޏެވެ.

އެ ދިރާސާގައި ނާސާގެ ތިން ގްރޭޓް އޮބްޒަވޭޓަރީ ކަމަށްވާ، ހަބުލް ސްޕޭސް ޓެލެސްކޯޕާއި ސްޕިޓްޒާ ސްޕޭސް ޓެލެސްކޯޕާއި ޗޭންޑްރާ އެކްސްރޭ އޮބްޒަވޭޓަރީ އިން ހޯދާފައިވާ މައުލޫމާތު ހިމަނާފައިވެ އެވެ.

ޗޭންޑްރާ އެކްސްރޭ އޮބްޒަވޭޓަރީ އިން ހެދި ދިރާސާތަކުން ދެއްކި ގޮތުގައި އެ ގެލެކްސީ ކްލަސްޓާގެ 90 ޕަސެންޓަކީ "ޑާކް މެޓާ" އެވެ. ޑާކް މެޓާ އަކީ ޓެލެސްކޯޕުން ނުފެންނަ ގޮތްނޭނގޭ އެއްޗެކެވެ. ޑާކް މެޓާ ޑިޓެކްޓް ކުރެވެނީ އޭގެ ހުންނަ ދަމާ ބާރު ނުވަތަ ގްރެވިޓޭޝަނަލް ޕުލްގެ ޒަރިއްޔާއިންނެވެ.

ނާސާ އިން ބެލި ބެލުމުން ދެއްކި ގޮތުގައި އެ ގެލެކްސީ ކްލަސްޓާ އުފެދިފައި ވަނީ ކާއިނާތު އުފެދިގެންއައިތާ ކުރީކޮޅު ވަރަށް ހަލުވިކޮށެވެ. އެކަން ސާބިތުވަނީ ކްލަސްޓާގެ މެދުން ކުޑަކޮށް ދުރަށް ޖެހިފައިވާ ސަރަހައްދެއް އެކްސްރޭ އިމޭޖްތަކުން ފެންނާތީ އެވެ. ވަކި ސަރަހައްދެއް ދުރަށް ޖެހިފައި ހުރުމުން ދޭހަ ވަނީ އައިޑީސީއެސް 1426 އާއި އެހެން ގެލެކްސީ ކްލަސްޓާއަކާ ޖެހިފައިވާ ކަމެވެ. އެގޮތަށް ގެލެކްސީ ކްލަސްޓާސްތައް އެކަތި އަނެކައްޗާ ގިނައިން ޖެހުނީ ކާއިނާތު އުފެދިގެން އައި ދުވަސްވަރު އެވެ.

ނާސާ އިން ހަދާފައިވާ އެ ދިރާސާގެ ތަފްސީލު އެސްޓްރޯފިޒިކަލް ޖާނަލްގައި ޗާޕުކޮށްފައިވެ އެވެ.