ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާގެ ޝަރީއަތަށް ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަބްދުލް ޣަފޫރު ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފިއެވެ.

އަދީބު ކްރިމިނަލް ކޯޓަށް ފުލުހުން ހާޒިރުކޮށްފައި ވަނީ މީގެކުޑަވަގުތުކޮޅެއް ކުރިންނެވެ. މިއަދުގެ އަޑުއެހުން ތާވަލްކޮށްފައި ވަނީ 2:00 އަށެވެ.

އެ މައްސަލަ ބެލުމަށް ތިން ފަނޑިޔާރުންގެ ބެންޗެއް ވަނީ އެކުލަވާލައިފައެވެ.

އެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރުންނަނީ ގާޒީ މުހުތާޒު ފަހުމީ އާއި ގާޒީ އަހްމަދު ރަޝީދާއި ފަނޑިޔާރު ސައީދު އިބްރާހީމެވެ.

ކްރައިމް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ހެޑް، ޗީފް ސުޕްރިންޓެންޑެންޓު އޮފް ޕޮލިސް ހަމްދޫން ރަޝީދު ވިދާޅުވީ ނާއިބު ރައީސް ދިރިއުޅުއްވި އެޕާޓްމަންޓުގައި އަދީބު ފިސްތޯލަ ގެންގުޅުނު ކަމަށް ބައެއް ފަރާތްތަކުން ފުލުހުންގެ ތަހުގީގަށް ބަޔާންދީފައިވާ ކަމަށެވެ.

ފުލުހުންގެ އޮފިޝަލަކު ވިދާޅުވީ އަދީބު އޭނާ ދިރިއުޅުއްވި އެޕާޓްމަންޓުގައި ފިސްތޯލަ ގެންގުޅެފައި ވަނީ ތަންކޮޅެއް ކުރިން ކަމަށެވެ. އަދި އެ މައުލޫމާތު ލިބުނު ފަރާތްތަކުން ފުލުހުންނަށް އެކަން ކުރިން ރިޕޯޓުކޮށްފައި ނުވަނީ އޭރުގެ ހާލަތު އޮތްގޮތުން ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.