10 Jan 2016, 14:20
މުމްބާއީގެ ބަންޑްރާ ބޭންޑްސްޓޭންޑް ބީޗުގައި ސެލްފީއެއް ނަގަން އުުޅެނިކޮށް މޫދަށް ވެއްޓުނު ޒުވާން އަންހެންކުއްޖަކާއި އޭނާ ސަލާމަތްކުރަން މޫދަށް ފުންމާލި ޒުވާން ފިރިހެން ކުއްޖަކު ހޯދުމުގެ މަސައްކަތް އިންޑިއާގެ ކޯސްޓްގާޑުން ފަށައިފިއެވެ.
މުމްބާއީގެ ޑިޒާސްޓާ މެނޭޖްމަންޓް އޮފީހާ ހަވާލާދީ ފަސްޓްޕޯސްޓުން ބުނެފައި ވަނީ، ތަރައްނަމް އަންޞާރީ، 18، އާއި އޭނާގެ ދެ ރަހްމަތްތެރީން ކަމަށްވާ އަންޖޫމް ޚާން، 19 އާއި ކަސޫރީ ޚާން، 19، މޫދުތެރެއަށް ވެއްޓުނީ، ބަންޑްރާ ބޭންޑްސްޓޭންޑްގައި ހިލައެއްގެ މަތީގައި ތިބެ މޯބައިލް ފޯނުން ސެލްފީއެއް ނަގަން އުޅުމުގެ ތެރޭގައި ގާމަތިން ކައްސާލައިގެން ކަމަށެވެ.
އެ ތިން ކުދީން ސަލާމަތަށް އެދި ގޮވަން ފެށުމުން، އެ ސަރަހައްދުގައި ހުރި ރާޖޭޝް ވަލުންޖު ކިޔާ ޒުވާނަކު އެމީހުން ސަލާމަތްކުރުމަށް ފުންމާލި ކަމަށާއި އަދި އޭގެތެރޭން، އަންޖޫމާއި ކަސޫރީ ސަލާމަކުރުމަށް ފަހު، ތަރައްނަމް ސަލާމަތްކުރުމަށް ފުންމާލީ ކަމަށެވެ. އެހެން ނަމަވެސް، މޫދުގެ އޮވަރާއެކު ބޭރަށް ދަމައިގަނެ، އެ ދެ ޒުވާނުން ވީނުވީއެއް ނޭނގި ގެއްލިފައިވާތީ އެމީހުން ހޯދުމުގެ މަސައްކަތް ކޯސްޓްގާޑުން ކުރަމުން އަންނަ ކަމަށެވެ.
މުމްބާއީގެ ފުލުހުންނާއި، ފަޔަބްރިގޭޑްގެ އިތުރުން އެސަރަހައްދުގެ މަސްވެރީން ވެސް ގުޅިގެން ކޯސްޓްގާޑާއެކު ކުރަމުންދާ މަސައްކަތުގައި ހޮނިހިރު ދުވަހުގެ އިރުއޮސްނު އިރުވެސް އެ ދެ ޒުވާނުން ފެނިފައި ނުވާ ކަމަށާއި، ކޯސްޑްގާޑްގެ ހެލިކޮޕްޓަރެއް ބޭނުންކޮށްގެން ވައިގެމަގުންވެސް އެ ދެ ޒުވާނުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ފަސްޓްޕޯސްޓުން ބުނެފައި ވެއެވެ.
ސެލްފީ ނަގަންއުޅެނިކޮށް މޫދަށް ވެއްޓުނު ތިން އަންހެންކުދީންނަކީ، މުމްބާއީގެ އިރުމަތީ އަވަށެއްކަމަށްވާ، ގޮވަންދީގެ ތިން ކޮލެޖެއްގައި ކިޔަވަމުންދާ ދަރިވަރުން ކަމަށް ވެއެވެ. އަދި ފަތުރުވެރީންނާއި ލޯބިވެރީންގެ މެދުގައި ވެސް މަގުބޫލު ބަންޑްރާ ބޭންޑްސްޓޭންޑަށް އެމީހުން ދިޔައީ، ހަފްތާ ބަންދުގައި ޕިކްނިކް ހަދާލަން ކަމަށް، މުމްބާއީ ފުލުހުންގެ ސީނިއަރ އިންސްޕެކްޓަރު އާރު. ދަވްލޭ ވިދާޅުވި އެވެ.
ދަވްލޭ ލަފާކުރައްވާ ގޮތުގައި އޮޔާއެކު ގޮނޑުދޮށާ 50 ވަރަކަށް މީޓަރު ދުރަށް ގެނބިގެން ގޮސްފައިވާ ތަރައްނަމް އާއި އޭނާ ސަލާމަތްކުރާން ދިޔަ ވަލުންޖު މިހާރު ވާނީ އޮޔާއެކު އައްސޭރި ފަށާ ވަރަށް ދުރަށް ގޮސްފައެވެ.