ޖަމިއްޔަތުއްސަލަފްގެ ފަރާތުން އިންތިޒާމު ކުރާ "ހިޖްރަ ކޭމްޕު" މި މަހު ބާއްވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް އެ ޖަމިއްޔާ އިން ބުނެފި އެވެ.

ސަލަފުން ބުނީ، މި އަހަރުގެ ހިޖްރަ ކޭމްޕު ދިއުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 14 ން 16 ށް ރ. އަތޮޅުގެ ފަޅުރަށެއްކަމަށްވާ މާނަފުށްޓަށް ކަމަށެވެ.

މިދަތުރުގައި ބައިވެރިވެވަޑައިގަންނަވާނެ ޝައިޚުންނަކީ އައްޝައިޚް އަހްމަދު ސަމީރު ބިން އިބްރާހީމް އާއި އައްޝައިޚް މުޖްތަބާ ހަމީދު އެވެ.

ރ. އަތޮޅުގެ ޒުވާނުންނަށް އަމާޒު ކުރެވިފައިވާ ކޭމްޕުގެ މަގްސަދަކީ އުފާވެރި އަދި ދީނީ މާހައުލެއްގައި އިލްމުވެރިންނާއެކު ޒުވާނުން ވަގުތު ހޭދަކުރުމަށް ފުރުސަތު ހޯދައިދިނުމާއި ޒުވާނުންނަކީ މުޖްތަމައުއަށް ފައިދާހުރި ހަރުދަނާ އަހްލާގެއްގެ ވެރިބަޔަކަށް ހެދުންކަމަށް ސަލަފުން ބުނެފައިވެއެވެ.

މިދަތުރުގައި ދީނީ ތަފާތު ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.

ސަލަފުން ވަނީ މީގެ ކުރިން ދެ ފަހަރެއްގެ މަތިން ހިޖްރަ ކޭމްޕު ބާއްވާފައެވެ. ހިޖުރަ ދަތުރުގެ މެދުކެނޑުމަކަށްފަހު އަލުން ކޮންމެ އަހަރަކުވެސް ދާގޮތަށް ހަމަޖައްސާފައިވަނީ ޖަމިއްޔަތުއްސަލަފުގެ ހިންގާ ކޮމެޓީގައި ބޭއްވި ޖަލްސާއެއްގައެވެ.