ސައުދީ އަރަބިއްޔާގެ ގައުމީ އެއާލައިނުން އަންނަ މާޗު މަހު ރާއްޖެއަށް ދަތުރުތައް ފަށަން ނިންމައިފިއެވެ.

އެ އެއާލައިނުން ވަނީ އެކަން ޓްވިޓާ މެދުވެރިކޮށް އިއުލާނުކޮށްފައެވެ.

އެ ޓުވީޓުގައި ބުނާގޮތުން ސައުދީ އެއާލައިނުން ރާއްޖެއަށް ދަތުރުތައް ފަށާނީ އަންނަ މާޗު މަހު 30 ވަނަ ދުވަހުއެވެ. އަދި ކޮންމެ ހަފްތާއަކު ދެ ދަތުރު ކުރުމަށް ނިންމާފައިވާ ކަމަށްވެސް އެ ޓުވީޓުގައި ބުނެފައި ވެއެވެ.

ސައުދީ އެއާލައިނުން މީގެ ކުރިން ބުނީ، ރާއްޖެއަށް މިއަހަރުގެ އޭޕްރިލް މަހު ދަތުރުތައް ފަށާނެ ކަމަށެވެ.

ރާއްޖޭގެ އިތުރުން ޖަރުމަނުގެ މިއުނިކާއި ތުރުކީގެ އަންކާރާ އަދި އަލްޖީރިއާގެ އަލްޖިއާސް އަށްވެސް މި އަހަރު ތެރޭގައި ދަތުރުތައް ފަށާނެ ކަމަށް އެ އެއާލައިނުން ވަނީ ބުނެފައެވެ.

ސައުދީ އެއާލައިނުން ރާއްޖެއަށް ދަތުރުތައް ފެށުމުން މެދުއިރުމަތީ ސަރަހައްދުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު މިހާރަށް ވުރެ އިތުރުވާނެ ކަމަށް ބެލެވެއެވެ.

އެ އެއާލައިނުން ދުނިޔޭގެ 81 މަންޒިލަކަށް ދަތުރުތައް ކުރެއެވެ.