14 Apr 2011, 20:42
ގާނޫނުން އިސްތިސްނާކޮށްފައިނުވާ ކޮންމެ ކަމެއްގައި ދިވެހި ދައުލަތާއި އާންމު ފަރުދުންނާއި ދެމެދު އެއް ހަމައަކުން އަމަލު ކުރުމަށް ސިވިލް ކޯޓުން މިއަދު ނިންމައިފި އެވެ.
ސިވިލް ކޯޓުން ބުނެފައިވަނީ، އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމާފައިވާ އެ ނިންމުމުގެ ސަބަބުން ކޯޓަށް މައްސަލަ ހުށަހެޅުމާއި މައްސަލަތަކުގައި ޖަވާބުދާރީވުމާއި ކޯޓު އަމުރު ފޮނުވުން ފަދަ ކަންކަމުގައި ދެން އަމަލު ކުރާނީ އެއް ހަމައަކުން ކަމަށެވެ.
"މިގޮތަށް މި ނިންމުން ނިންމާފައި ވަނީ އިންސާފުގެ މަގުން ކަންކަން ކުރިއަށް ގެންދިއުމަށްޓަކައި ސިވިލް ކޯޓުގެ ކުރިމަތީގައި ދައުލަތަކީ ހަސްމެއް ކަމަށްވެފައި ހުރިހާ ފަރާތްތަކަކާމެދު ހަމަހަމައަކުން އަމަލު ކުރުމަކީ ކޯޓުތަކަށް ލާޒިމްވާ ކަމެއް ކަމަށްވާތީ،" އެ ކޯޓުން ބުނެފައިވެ އެވެ.