ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު ކަމުގެ މަގާމަށް ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝުކޫރު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން މިއަދު އައްޔަން ކުރައްވައިފި އެވެ.

އާޒިމާގެ އިތުރަށް ރައީސް އޮފީހުގެ ތިން ޑިޕާޓްމަންޓަކަށް ތިން ސްޓޭޓް މިނިސްޓަރުން ވެސް ރައީސް ވަނީ އައްޔަން ކުރައްވައިފަ އެވެ.

ރައީސް އޮފީހުގެ ސޯޝަލް އެފެއާޒް ސްޓޭޓް މިނިސްޓަރަކަށް ގައްސާން މައުމޫން އައްޔަން ކުރެއްވި އިރު ރައީސް އޮފީހުގެ މިނިސްޓަރު އޮފް ސްޓޭޓް ފޯ ޕްރެޒިޑެންޝަލް އެފެއާޒްގެ މަގާމަށް އައްޔަން ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި ކުރިން ވެސް ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި މުހައްމަދު މުޖުތާޒެވެ. އަދި ރައީސް އޮފީހުގެ މިނިސްޓަރު އޮފް ސްޓޭޓް ފޯ އިކޮނޮމިކް ރިލޭޝަންސްގެ މަގާމަށް އައްޔަން ކުރައްވާފައި ވަނީ މުހައްމަދު ލުވައިޒް އެވެ.

ރައީސް އޮފީހުގެ ސޯޝަލް އެފެއާޒް ސްޓޭޓް މިނިސްޓަރަކަށް ގައްސާން މައުމޫން އައްޔަން ކުރެއްވުން -- ފޮޓޯ: ރައީސް އޮފީހުގެ ތަރުޖަމާނު

އާޒިމާ ވަނީ މީގެ ކުރިން ރައީސް މައުމޫން އަދި ރައީސް ވަހީދުގެ ސަރުކާރުގައި ބަންޑާރަނައިބުގެ މަގާމު ފުރުއްވައިފަ އެވެ. އަދި މިދިޔަ ޑިސެމްބަރު މަހު ރައީސް ޔާމީން ވަނީ ސަރުކާރުގެ ކޮންސަލްޓެންޓެއްގެ މަގާމަށް އާޒިމާ އައްޔަންކުރައްވާފަ އެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ހަގު ފިރިހެން ދަރިކަލުން ގައްސާން ކުރިން ހުންނެވީ ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމުގަ އެވެ. ރައީސް އޮފީހަށް ބަދަލުކުރެއްވުމުގެ ކުރިން ގައްސާން ހުންނެވީ ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ ގޮތުގަ އެވެ.

ރައީސް އޮފީހުގެ މިނިސްޓަރު އޮފް ސްޓޭޓް ފޯ ޕްރެޒިޑެންޝަލް އެފެއާޒްގެ މަގާމަށް މުހައްމަދު މުޖުތާޒް އައްޔަން ކުރެއްވުން -- ފޮޓޯ: ރައީސް އޮފީހުގެ ތަރުޖަމާނު

ރައީސް އޮފީހުގެ މިނިސްޓަރު އޮފް ސްޓޭޓް ފޯ އިކޮނޮމިކް ރިލޭޝަންސްގެ މަގާމަށް މުހައްމަދު ލުވައިޒް ހަމަޖެއްސުން -- ފޮޓޯ: ރައީސް އޮފީހުގެ ތަރުޖަމާނު

---

އެޑިޓަރުގެ ނޯޓު: މި ހަބަރު ކުރިން ރިޕޯޓް ކުރި އިރު ގައްސާނަށް މިނިސްޓަރުކަން ދެއްވި ކަމަށް ރިޕޯޓް ކުރެވިފައި ވަނީ އޮޅުމަކުންނެވެ. އެ ކުށަށް ކިއުންތެރިންގެ ކިބައިން މައާފަށް އެދެމެވެ،