10 Jan 2016, 12:38
އާ ދިރާސާތަކުން ދައްކާ ގޮތުގައި އަލާމް ވުމުން ދެތިން ފަހަރު ނިއްވާލުމަށް ފަހު ލަހުން ތެދުވުމަކީ މީހާ މުޅި ދުވަހު ވަރުބަލިވެފައި ހުރުމަށް މަގުފަހިވާ ކަމެކެވެ. ކިކްސްޓާޓާ އިން ފަންޑުކުރާ "ރަގީ" ނަމަކަށް ކިޔާ "އަލާމްވާ ފައިފުހި" އެ މައްސަލައަށް ހައްލެއް ގެންނާނެ ކަމަށް ރަގީ އުފެއްދި ފަރާތުން ބުނެ އެވެ.
މެމޮރީ ފޯމުން ހަދާފައިވާ ރަގީ އަލާމް ވުމުން އޭތި ނިއްވެނީ މީހާ ކޮޅަށް ތެދުވުމަށް ފަހު ތިން ސިކުންތު ވަންދެން ފައިފުހި މަތީގައި ހުރުމުންނެވެ. އެލްއީޑީ ބޭނުންކޮށްގެން ރަގީގެ ކަނުން ވަގުތު ދައްކުވައިދެ އެވެ.
މީގެ އިތުރުން، ފައިފުހި މަތީގައި ތިން ސިކުންތައް ހުރުމުން މީހާ އެ ދުވަހު ކުރަން ހުރި މަސައްކަތްތައް ކުރުމަށް ހިތްވަރުދޭ ބަސްތައް ބުނަން ނުވަތަ ލަވައެއް ކުޅެން ވެސް އެ ފައިފުހި ޕްރޮގްރާމް ކުރެވިދާނެ އެވެ.