ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން ސްރީ ލަންކާއިން ސްނައިޕަރެއް ރާއްޖެ ގެނައި މައްސަލާގައި ހައްޔަރުކުރި ތިން ދިވެހިންގެ ތެރެއިން އެކަކުގެ ބަންދުގެ މުއްދަތު އިތުރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު "ސަން" އަށް ވިދާޅުވީ، ސްނައިޕަރު ރާއްޖެ ގެނައި މައްސަލާގައި ފުލުހުން ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި އޭގެތެރެއިން އެކެއްގެ ބަންދުގެ މުއްދަތު މިދިޔަ ބުދަ ދުވަހު ކްރިމިނަލް ކޯޓުން އިތުރުކޮށްދީފައިވާ ކަމަށެވެ. އަދި އެ މީހާގެ ބަންދަށް 15 ދުވަސް ކޯޓުން ޖަހާދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ސްނައިޕަރު ރާއްޖެ ގެނައި މައްސަލާގައި ހައްޔަރުކުރި މީހުންގެ ތެރެއިން އެކަކުގެ ބަންދުގެ މުއްދަތު އިތުރުކޮށްފައިވާއިރު އެ ސްނައިޕަރުގެ ބަންދުގެ މުއްދަތު ވެސް ކޯޓުން ވަނީ އިތުރުކޮށްފަ އެވެ.

ހައްޔަރުކޮށްފައިވާ ސްނައިޕަރުގެ މަންމަ ބުނީ އޭނާ ރާއްޖެއަށް އައީ ވަޒީފާއެއް ހޯދުމަށް ކަމަށެވެ. އަދި އެކަމުގެ ހެއްކެއްގެ ގޮތުން އޭނާ ރާއްޖެއަށް ދިޔުމުގެ ކަންތައްތައް ހަމަޖައްސައި ދިން ލަންކާގެ އޭޖެންޓާއި ރާއްޖެއިން ވަޒީފާ ހޯދައިދޭން ބުނި ރާއްޖޭގެ މީހާގެ މައުލޫމާތު ރާއްޖޭގެ ކަމާ ބެހޭ ފަރާތްތަކަށް ދީފައި ވާނެ ކަމަށް ވެސް ސްނައިޕަރުގެ މަންމަ ވަނީ ބުނެފަ އެވެ.