ސައުތު އޭޝިއަން ގޭމްސްއަށް ކުޅިވަރު މަޖިލީހުން ފާސްކޮށްފައިވާ ގަރާރާ ގުޅޭގޮތުން ޤައުމީ ޓީމްތަކުގެ ކުޅުންތެރިންނާއި އޮފިޝަލުން ބޭނުންކޮށްގެން އޮލިމްޕިކް ކޮމިޓީއިން ވާހަކަ ދައްކަމުން ގެންދަނީ ސިޔާސީ މަގްސަދެއް ހާސިލު ކުރުމަށް ކަމަށް މީނިސްޓރީ އޮފް ޔޫތު ސްޕޯޓްސްއިން ތުހުމަތުކޮށްފި އެވެ.

ޔޫތު މިނިސްޓްރީން މިއަދު ޢާންމުކޮށްފައިވާ ބަޔާނެއްގައި ބުނެފައިވަނީ މިމަހު ތިން ވަނަ ދުވަހު ކުޅިވަރުގެ ގައުމީ މަޖިލީހުން ފާސް ކުރި ގަރާރަކީ ސަރުކާރުގެ ހަރަދުގައި ގޭމްސްއަށް ފޮނުވާނެ ކުޅިވަރުތަކާއި އެތުލީޓުން ކަނޑައެޅުމަށް ފާސް ކުރެވުނު ގަރާރެއް ކަމަށާއި، ނަމަވެސް ބާކީ ކުޅިވަރުތަކާއި އެތުލީޓުން އޮލިމްޕިކް ކޮމިޓީއާ މަޝްވަރާ ކޮށްގެން އެ އެސޯސިއޭޝަންތަކުން އަމިއްލަ ޚަރަދުގައި ފޮނުވައިގެން ގޭމްސްގައި ބައިވެރިވުމަށް ހުރަސް ނޭޅޭނެކަމަށެވެ.

މީގެ އިތުރުން އޮލިމްޕިކް ޗާޓަރަށް ރިއާޔަތްކޮށް ޔޫތު މިނިސްޓްރީން ބުނެފައިވަނީ ބައިނަލްއަޤްވާމީ މުބާރާތްތަކާއި ސަރަޙައްދީ މުބާރާތްތަކުގައި ބައިވެރިކުރާ ކުޅިވަރުތައް ކަނޑައެޅުމުގެ ބާރު ލިބިދީފައިވަނީ އޮލިމްޕިކް ކޮމިޓީއަށް ކަމަށެވެ.

ސަރުކާރުން މުބާރާތްތަކަށް އެހީތެރިވަމުން ގެންދާނީ ވޭތުވެދިޔަ ތަނުގައި ހޯދާފައިވާ ކާމިޔާބީއާއި އަދި ކުޅުންތެރިން ކުރިއަރަމުން އަންނަ މިންވަރަކުން ކަމަށް ޔޫތު މިނިސްޓްރީގެ ބަޔާނުގައި ފާހަގަ ކޮށްފައިވެއެވެ.