ކ. މާފުށީ ޕޮލިސް ސްޓޭޝަނުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ 50 ސެލޯފިންކޮޅާއެކު އެރަށުން މީހަކު ހައްޔަރުކޮށްފި އެވެ.

އެ މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 23 އަހަރުގެ ފިރިހެނެކެވެ.

ފުލުހުން ބުނީ، މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ 50 ސެލޯންފިންކޮޅު ފެނިފައިވަނީ، އެ މީހާ ފުލުހުންނަށް ފެނުމުން، ގަސްދޮށަށް އެއްލާލާފައި ދިޔަ ކޮތަޅެއް ގެ ތެރެއިން ކަމަށެވެ.

އެމީހާ ހައްޔަރު ކުރުމަށްފަހު ބަންދާ މެދު ގޮތެއް ނިންމުމަށް ކ. ގުޅީ މެޖިސްޓްރޭޓު ކޯޓަށް ހާޒިރުކުރުމުން، ހޯމް މިނިސްޓްރީގެ ބެލުމުގެ ދަށުގައި ބަހައްޓައިގެން މައްސަލަ ތަހުގީގު ކުރުމަށް 13 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ، އެ މައްސަލައިގައި ހައްޔަރު ކުރި މީހާއަކީ ބިރުދެއްކުމާއި މީހުންގެ މުދަލަށް ގެއްލުން ދިނުމުގެ މައްސަލަތަކުގެ އިތުރުން މަސްތުވާތަކެތީގެ މައްސަލަތަކުގެ ރިކޯޑު އޮންނަ މީހެއް ކަމަށެވެ.

އެ މައްސަލަ ކ. މާފުށީ ޕޮލިސް ސްޓޭޝަނުން އަންނަނީ ތަހުގީގު ކުރަމުންނެވެ.