ގައުމީ ޚިދުމަތުގައި ރާއްޖޭގެ ގައުމީ ޓީމްގެ ކެޕްޓަން ޢަލީ އަޝްފާޤް (ދަގަނޑޭ) އާއި ކީޕަރު އިމްރާން މުހައްމަދަކީ ފާހަގަ ކުރެވޭ ދެ ނަމަވެ. ގައުމީ ޓީމުގައި އެ ދެކުޅުންތެރިންގެ މުހިންމު ކަމުގެ ވާހަކައަކީ ކިޔުންތެރިންނަށް އާ ވާހަކައެއް ނޫނެވެ.

ރާއްޖޭގެ ފުޓްބޯޅައިގެ ދަގަނޑޭއާއި ޢިމްރާނަކީ އެހެން ކުޅުންތެރިންނަށް ނަމޫނާ ދައްކާ ކުޅުންތެރިންނެވެ. ދަނޑު މަތީގަޔާއި ޓީމުގެ ފަރިތަކުންތަކުގައިވެސް ދަގަނޑޭއާއި ޢިމްރާންގެ ފަރާތުން އެހެން ކުޅުންތެރީންނަށް އެތަށް ބައިވަރު ފިލާވަޅުތަކެއް ލިބިގެންދާނެއެވެ. އެ ދެކުޅުންތެރީންގެ ހުނަރެވެ. ދެ ކުޅުންތެރީންގެ ފަރާތުން ފެންނަ ލީޑާޝިޕެވެ. ޓީމު ބަލިވާ ހާލަތުގައިވެސް އެހެން ކުޅުންތެރިންނަށް ހިތްވަރު ހޯދައިދޭން އެންމެ ފުރަތަމަ ވާހަކަ ދައްކާނީ މި ދެ ކުޅުންތެރިންނެވެ.

ބަންގަބަންދު ގޯލްޑްކަޕަށް ފުރުމުގެ ކުރިން ދަގަނޑޭ، ކޯޗް ރިކީ ހާބަޓާ ބައްދަލު ކުރަނީ --- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން

ބަނގުލަދޭޝްގައި ކުރިއަށްދާ ބަންގަބަންދު ގޯލްޑް ކަޕްގައި ދަގަނޑޭއާއި ޢިމްރާން ބައިވެރި ނުވި ނަމަވެސް އެ ދެކުޅުންތެރިންގެ ފަރާތުން ވަނީ ކުޅުންތެރިންނަށް ތާއިދާއި މަދަދު އޮތް ކަން ހާމަކޮށްފައެވެ.

އިއްޔެ ހަވީރު ގައުމީ ޓީމު މާލެއިން ފުރިއިރު އެ ދެކުޅުންތެރީން ވަނީ ޓީމު ފުރިތަނަށް ގޮސް ކުޅުންތެރީންނާ ބައްދަލުކޮށްފައެވެ. ހަޤީގަތުގައިވެސް އެ ދެ ކުޅުންތެރީން އެތަނަށް ގޮސް އެހެން ކުޅުންތެރީންނާ ވާހަކަ ދެއްކުމަކީ އެ ކުޅުންތެރީންނަށް ލިބޭނެ ހިތްވަރެކެވެ.

ބަންގަބަންދު ގޯލްޑްކަޕަށް ފުރުމުގެ ކުރިން ޢިމްރާން ޓީމުގެ ކުޅުންތެރިނާ ބައްދަލު ކުރަނީ --- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން

އިމްރާނާއި ދަގަނޑޭގެ ފަރާތުން އެހެން ކުޅުންތެރީންނަށް ފެންނަ ނަމޫނާއަކީ މިއީއެވެ. ޓީމުގައި އެދެކުޅުންތެރީން ބައިވެރި ނުވިނަމަވެސް އެ ދެ ކުޅުންތެރީންގެ ފަރާތުން އެހެން ކުޅުންތެރީންނަށް ހިތްވަރު ދޭން އެންމެ ރަނގަޅު ދަނޑިވަޅަކީ މިއީއެވެ. އެ ނަމޫނާ، ދަގަނޑޭއާއި ޢިމްރާންގެ ފަރާތުން ފެނިގެން ހިނގައްޖެއެވެ. ޚާއްސަކޮށް ގިނަ އަދަދެއްގެ ޒުވާން ކުޅުންތެރީން މި މުބާރާތުގައި ގައުމީ ޓީމުގައި ހިމެނިގެން ދިޔައިރު އެކުޅުންތެރީންނަށް ހިތްވަރުދޭން ގައުމީ ޓީމުގެ އެންމެ ސީނިއާ ދެ ކުޅުންތެރިން ދިއުމަކީ އަރަމުން އަންނަ ޒުވާން ކުޅުންތެރީންނަށް މާދަމާ އެ މިސާލު އެގޮތުގައި ދެއްކުމަށް ދަސްވާނެ ކަމެކެވެ. ދަގަނޑޭއާއި ޢިމްރާންނައްޓަކައި ދިވެހި ޤައުމު ފަޚްރުވެރިވަނީ އެހެންވެއެވެ.