10 Jan 2016, 11:13
ފެން ބިލް ދެއްކޭނެ ކައުންޓަރުތަކެއް މާލޭގެ އިތުރު ހަތަރު ސަރަހައްދެއްގައި ގާއިމު ކުރުމަށް މިއަދު މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އާ އެކު ތިން ކުންފުންޏަކުން އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
ފެން ބިލްޑިންގްގައި މިއަދު އޮތް ރަސްމިއްޔާތެއްގައި ތިން ފަރާތަކުން ވަނީ ޕާޓްނަޝިޕް އެގްރީމެންޓުގައި ސޮއިކޮށްފަ އެވެ. ޕާޓްނަޝިޕް އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ބެލް ސެލް އާއި އެލް މޮބައިލްސްގެ އިތުރުން ޔޫ ފޯން އާ އެކު އެވެ.
މިއަދުވި އެއްބަސްވުމުގެ ދަށުން މުރަނގުމަގުގައި ހުުންނަ ޔޫ ފޯން ފިހާރަ އާއި މަޖީދީމަގުގައި ހުންނަ އެލް މޮބައިލް 3، އަދި ޖަނަވަރީ މަގުގައި ހުންނަ އެލް މޮބައިލް ބިލް ޕޭ އާއި ބެލް ސެލް އިން ފެން ބިލް ދައްކާލެވޭނެ ކަމަށް ފެން ކުންފުނިން ބުންޏެވެ.
މީގެ ކުރިން ފެން ބިލް ބަލައިގަންނަނީ ފެން ބިލްޑިންގްގެ އިތުރުން ވެލާނާގޭ ކައުންޓަރުންނާއި މޯލްޑިވްސް ޕޯސްޓް އޮފީހުންނެވެ.
ސޮއި ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު ވިދާޅުވީ މިއަދުވި އެއްބަސްވުމުގެ ސަބަބުން ރައްޔިތުންނަށް ހިދުމަތް ލިބިގަތުމަށް ހާއްސަ ފަސޭހަ ގޮތްތަކެއް މެދުވެރިވެގެން ދާނެ ކަމަށެވެ.
ފަޒުލް ވިދާޅުވީ ކަލެކްޝަން ޕޮއިންޓްތަކުގައި ސިސްޓަމްތައް ބަހައްޓައި ސެޓަޕް ހެދުމަށް ހަފްތާއެއްހާ ދުވަސް ހޭދަވާނެ ކަމަށާއި ސެޓަޕް ހަދާ ނިމުމުން ހިދުމަތް ފެށޭނެ ކަމަށެވެ. ހިދުމަތް ފެށުމުން، ފިހާރަތައް ހުޅުވާފައި ހުންނަ ގަޑިތަކުގައި ބިލަށް ފައިސާ ދެއްކޭނެ ކަމަށް ޕާޓްނަރުން ބުނެ އެވެ.