14 Apr 2011, 19:51
މޯލްޑިވްސް ރިޓައަމެންޓް ޕެންޝަން ސްކީމްގައި ބައިވެރިވުމަށް އެއްވެސް ފަރާތަކަށް ލާޒިމް ނުކޮށް، އެ ސްކީމްގައި ބައިވެރިވުމަކީ އިހުތިޔާރީ ކަމަކަށް ހެދުމަށްޓަކައި ޕެންޝަން ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު ފާސްވެއްޖެ ނަމަ ގައުމީ ރިޓަޔަމަންޓް ޕެންޝަން ސްކީމްގެ ބޭނުމެއް ނެތް ކަމަށް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން މިއަދު ބުނެފި އެވެ.
ޕެންޝަންގައި ބައިވެރިވުމަކީ އިހުތިޔާރީ ކަމަކަށް ހެދުމަށް ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ހުށަހަޅުއްވާފައިވާ އިސްލާހަށް އިޝާރާތްކުރައްވަމުން ޕެންޝަން އޮފީހުގެ ސީއީއޯ މުހަންމަދު ހުސެން މަނިކު މިއަދު ވިދާޅުވީ އިހުތިޔާރީ އެއްޗެއްގެ ގޮތުގައި ޕެންޝަން ސްކީމް ހަދައިފި ނަމަ އޭގެ މަގުސަދު ގެއްލުނީ ކަމަށާއި އެ އަށްވުރެ ޕެންޝަން ސްކީމް އުވާލުން ވެސް މާ ރަނގަޅުވާނެ ކަމަށެވެ.
"ޕެންޝަން ސްކީމުން މަޖިލީހުގެ މެންބަރުންނާއި ދައުލަތުގެ ތިން ބާރުގެ އެންމެ މަތީ ފަރާތްތައް އިސްތިސްނާ ކުރުމަށް ހުށަހެޅި އިސްލާހު މަޖިލީހުން ބަލައިނުގަތުމުން ކޮންމެވެސް އެހެން ގޮތަކުން ޕެންޝަނުން އިސްތިސްނާވާން މަސައްކަތް އެ ކުރައްވަނީ. އިހުތިޔާރީ ކަމަކަށް ހެދުމަށް ވުރެ ޕެންޝަން އުވާލުން ވެސް މާ ރަނގަޅު. އޭރުން އެވީ ކުރީގެ ޕްރޮވިޑެންޑް ފަންޑް ގޮތަށް. މަދު ދުރުވިސްނޭ ބަޔަކު އޭރުން ބައިވެރި މިވަނީ،" ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ހުސެން މަނިކު މިއަދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕެންޝަން ސުކީމުން އިސްތިސްނާ ކުރުމުގެ އިސްލާހު މަޖިލީހުން ބޭރުކޮށްލުމުން މަޖިލީހުގެ މެންބަރުން ވެސް މިހާރު ޕެންޝަންގައި ބައިވެރިވާން ޖެހޭ ކަމަށެވެ. އަދި ވިދާޅުވީ ޕެންޝަންގައި ބައިވެރިވުމަށް އޮތް މުއްދަތުގެ ތެރޭގައި މަޖިލީހުގެ މެންބަރުން ބައިވެރިވެފައި ނުވާތީ އެ ބޭފުޅުން ބައިވެރިނުވެ އޮތް މުއްދަތަށް ދައްކަން ޖެހޭ ޖޫރިމަނާގެ ފައިސާ ވެސް ދައްކަން ޖެހޭނެ ކަމަށެވެ.
"އެ ބޭފުޅުން ވެސް ހަމަ ޖޫރިމަނާ ދައްކަވަން ޖެހޭނެ. އެ ދުވަސް މިހާރު އެ އޮތީ ފަހަނައަޅާގޮސްފައި. އެހެންވީމަ ބައިވެރިވެ ފައިސާ ދައްކަވާ އިރު ޖޫރިމަނާ ވެސް ދައްކަވަން ޖެހޭނެ،" ހުސެން މަނިކު ވިދާޅުވި އެވެ.
ޕެންޝަނާ ބެހޭ ޤާނޫނު ބުނާ ގޮތުން ދައުލަތުގެ މުވައްޒަފުން ފިޔަވައި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އަމިއްލަ ކުންފުނިތަކާއި ވިޔަފާރިތައް އަދި އެކިއެކި ހިދުމަތްދޭ ތަންތަނުގައި ވަޒީފާއަދާކުރާ މުވައްޒަފުން އަންނަ އެޕްރީލް މަހުގެ ކުރިން އެ ސުކީމްގައި ބައިވެރިވާންޖެހެ އެވެ. އެ ސްކީމުގައި ބައިވެރިވުމަށް ޓަކައި ވަޒީފާ އަދާކުރާ ފަރާތުން ދައްކަން ޖެހޭނީ އެ މީހެއްގެ އަސާސީ މުސާރައިގެ ހަތް ޕަސެންޓާއި ވަޒީފާދޭ ފަރާތުން ހަތް ޕަސެންޓާ އެކު ޖުމްލަ ސާދަ ޕަސެންޓް އެވެ. އެ މުއްދަތު މިއަދަށް ހަމަވި އިރު 2300 ފަރާތުން އެ ސްކީމްގައި ރަޖިސްޓްރީކޮށްފައިވާ ކަމަށް ޕެންޝަން އޮފީހުން މިއަދު ބުންޏެވެ.
ރިޓަޔާމަންޓް ސޭވިންގް އެކައުންޓަށް ޖަމާކުރާ ފައިސާ ލިބޭނީ އެ މީހެއްގެ އުމުރުން 65 އަހަރުވުމުން މަހުން މަހަށް ލިބޭ ފައިސާގެ ގޮތުގަ އެވެ.