10 Jan 2016, 12:00
މިދިޔަ ނޮވެމްބަރު މަހުގެ ދެވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި މުލީއާގެ ކައިރިން އައިއީޑީއެއް ފެނުނު މައްސަލައާ ގުޅިގެން ހައްޔަރުކުރި ހަތަރު މީހުންގެ ބަންދުގެ މުއްދަތު ފަސް ވަނަ ފަހަރަށް އިތުރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު "ސަން" އަށް ވިދާޅުވީ، އެ މައްސަލައިގައި ހައްޔަރުކުރި މީހުންގެ ތެރެއިން ދެ މީހެއްގެ ބަންދުގެ މުއްދަތު އިތުރުކުރީ މިދިޔަ ބުދަ ދުވަހު ކަމަށެވެ. އަދި އެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖަހައިދީފައިވާ ކަމަށް އޮފިޝަލު ވިދާޅުވި އެވެ.
އޮފިޝަލު ވިދާޅުވީ، ދެން ތިބި ދެ މީހުންގެ ބަންދުގެ މުއްދަތު އިތުރުކުރީ އިއްޔެ ކަމަށާއި އެމީހުންގެ ބަންދަށް 10 ދުވަސް ކްރިމިނަލް ކޯޓުން އިތުރުކޮށްދީފައިވާ ކަމަށެވެ.
އެ މައްސަލައިގައި ހައްޔަރުކުރި އެންމެންނަކީ ވެސް 18 އަހަރުން މަތީގެ މީހުންނެވެ.
ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެފައި ވަނީ މުލީއާގެ ކައިރީގައި ހުރި ޕިކަޕެއްގައި އައިއީޑީއެއް ހަރުކޮށްފައި ވަނީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހަވަހާރަކޮށްލުމުގެ ގޮތުން ކަމަށެވެ.
އުމަރު ވިދާޅުވީ، އައިއީޑީ ހަރުކޮށްފައިވާ އުޅަނދު ބާއްވާފައިއޮތް މަގަކީ ރައީސް ޔާމީން އާންމުކޮށް ދަތުރުފުޅުކުރައްވާ މަގެއް ކަމަށެވެ.
އައިއީޑީ ފެނުމާއެކު އެމްއެންޑީއެފުން ވަނީ އޭތި ރައްކާތެރިކަމާއެކު ސްޓޭޑިއަމް ސަރަހައްދަށް ގެންގޮސް އެ ޑިވައިސް ނުގޮވާގޮތަށް ހަދައިފައެވެ.
އެމްއެންޑީއެފްގެ ކެޕްޓަން އަލީ އިހުސާން ވިދާޅުވެފައި ވަނީ، މުލީއާގެ ސަރަހައްދުގައި އެ އައިއީޑީ ގޮވި ނަމަ އެ ސަރަހައްދުގެ އެތައް ގެއެއް ބިމާހަމަވެ، އެތައް ބައެއް މަރުވުމުގެ ފުރުސަތު އޮތް ކަމަށެވެ.
އެ ހާދިސާއަށްފަހު ސަރުކާރުން މިހާރު ވަނީ، މުލީއާގެ ކައިރީ ވެހިކަލްތައް ޕާކުކުރުން މަނާކޮށްފައެވެ.