އިންސާނުންގެ ހަށިގަނޑަށް ފިންޏަށް ވުރެ ބޮޑަށް ނުރައްކަލީ ހޫނުކަން ކަމަށާއި ގަދަހޫނުގައި އުޅުމުން އިންސާނުންނަށް ލިބޭ ސިއްޙީ ގެއްލުންތައް ފަސް ގުނައަށް އިތުރުވެގެންދާކަން ކަމާބެހޭ ދިރާސާއަކުން ހާމަވެއްޖެ އެވެ.
މިކަން ހާމަވެފައި ވަނީ އެމެރިކާގެ މަޝްހޫރު ހަވަޑް ޔުނިވަސިޓީގެ ޕްރޮފެސަރުންގެ ޓީމަކުން ކުރި އިލްމީ ދިރާސާއަކުންނެވެ. މިދިރާސާ އިން އެނގުނު ގޮތުގައި އާންމުކޮށް ހޫނުގައި އުޅުމުން އިންސާނުންގެ ދިފާޢީ ނިޒާމު ބަލިކަށިވެ އެވެ. އަދި ބެކްޓީރިޔާގެ ނުރައްކާ ބޮޑުވެ އެވެ. އަދި ނޭވާލުމުގެ ނިޒާމަށް ވެސް ހޫނުވައިދިޔުމުން ގެއްލުންތަކެއް ލިބެ އެވެ. އަދި ހަށިގަނޑުގައި ފެޓް އުފެދޭމިންވަރު ވެސް ހޫނު އެންވަޔަރަންމަންޓްގައި އިތުރުވެ އެވެ.

މިއާޚިލާފަށް ފިނީގައި ދިފާއީ ނިޒާމު ވަރުގަދަވެ އެވެ. ބެކްޓީރިޔާގެ ނުރައްކާ ކުޑަވެ އެވެ. މާހައުލުގައި ބަލިތައް އުފެދޭމިންވަރާއި ބަލިތައް އިންސާނުންނަށް ޖެހޭ މިންވަރުގެ ނިސްބަތް ވެސް ކުޑަވެ އެވެ. އަދި ފިނި މާޙައުލުގައި ހިތާއި ލޭހޮޅިތަކުގެ މަސައްކަތް މާރަނގަނޅަށްކުރެ އެވެ. ތަދުވާމިންވަރުގެ އިޙްސާސްވެސް ފިނީގައި ކުޑަވާކަމަށް ވެ އެވެ. އަދި ފިނީގައި ފެޓްވެސް މާގިނައިން އަންދާކަމަށްވެ އެވެ.
ބައެއް ހައިވާނުން ބޭނުންކޮށްގެން ކުރި މިދިސާ އިން ހާމަވެފައިވާގޮތުގައި ހޫނުގައި އުޅުމުން އެސޮމެންގެ ހަށިގަނޑުގައި ފެޓް އުފެދޭމިންވަރު ފިނީގައި އުޅޭ އިރަށް ވުރެ ފަސް ގުނަ މައްޗަށްދެ އެވެ. ނަމަވެސް މީގެ މާނައަކީ އާދަޔާ ޚިލާފު ފިނިކަން އިންސާނުންނަށް ރަނގަނޅުވުމެއް ނޫނެވެ.

މިދިރާސާގެ އަލީގައި ސައެންސްވެރިން ދެކެވަޑައިގަންނަވާ ގޮތުގައި އިންސާނުންގެ ހަށިގަނޑަށް ރަނގަނޅީ 25 ޑިގްރީ ސެލްސިއަސްއާއި ފަސް ޑިގްރީ ސެލްސިއަސްއާ ދެމެދުގެ ފިނިކަމެވެ. ފަސް ޑިގްރީ ސެލްސިއަސްއަށްވުރެ ފިނިހޫނުމިން ދަށަށް ގޮސްފިނަމަ އަނެއްކާ އިންސާނުންގެ ހަށިގަނޑަށްވަނީ ގެއްލުމެވެ. އަދި 25 ޑިގްރީއަށްވުރެ ހޫނުގައި އުޅުމަކީ ވެސް އެންމެ ރަނގަނޅު ގޮތެއްނޫނެވެ. ނަމަވެސް އިންސާނުންނަށް ގެއްލުންވަނީ 28 ޑިގްރީ ސެލްސިއަސް ގެ މަތީގައި ފިނިހޫނުމިން ހުރުމުންކަން މިދިރާސާއިން ހާމަވެފައިވެ އެވެ. (އާރުޓީ)