10 Jan 2016, 10:14
ހދ. ކުޅުދުއްފުށި ސިނަމާގެ އައިޝަތު ފަރިޔާލު، 33 އެއަތޮޅު ރީޖަނަލް ހޮސްޕިޓަލުގައި ސިޒޭރިއަން ހެދި ޑޮކްޓަރު ސަސްޕެންޑްކޮށް މިހާރު އެ މައްސަލަ ބަލަމުން އަންނަ ކަމަށް ހެލްތު މިނިސްޓްރީ އިން ބުނެފި އެވެ.
ސިޒޭރިއަން ހެދުމުގެ ދިމާވި މައްސަލައަކާ ގުޅިގެން ލޭ މަނާ ނުވެ ހާލު ސީރިއަސްވި ފަރިޔާލު މާލެ ގެނެސް އައިޖީއެމްއެޗްގައި ފަރުވާދެމުން ދަނިކޮށް ރޭ ވަނީ ނިޔާވެފަ އެވެ.
ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ އަބްދުﷲ ވަހީދު 'ސަން' އަށް ވިދާޅުވީ މައްސަލަ ބެލުމަށް ޓަކައި މިހާރު އެ ޑޮކްޓަރު މާލެ ގެނައުމުގެ މަސައްކަތް ކުރަމުން އަަންނަ ކަމަށެވެ. އަދި ތަހުގީގަށް ފަހު އިތުރު ފިޔަވަޅުތައް ވެސް އަޅާނެ ކަމަށް އަބްދުﷲ ވިދާޅުވި އެވެ.
"އޭނާ މިހާރު ހުރީ ސަސްޕެންޑް ކޮށްފައި. އޭނާ މާލެ ގެނެސް ސުވާލު ކުރުމަށް އަޅުގަނޑުމެއް މިދަނީ މަސައްކަތް ކުރަމުން. އެއަށް ފަހު އިތުރު ފިޔަވަޅުވެސް އަޅާނަން،" ޑރ އަބްދުﷲ ވަހީދު ވިދާޅުވި އެވެ.
ފަރިޔާލުގެ ސިޒޭރިއަން ހެދީ މިސްރު ޑޮކްޓަރެކެވެ. އަބްދުﷲ ވިދާޅުވީ އެ މައްސަލަ ބަލަން ފެށީ ހެލްތު މިނިސްޓްރީގެ އިސްނެގުމުގެ މަތިން ކަމަށެވެ. ނަމަވެސް އާއިލާއިން ވެސް މައްސަލަ ހުށަހަޅާފައި އޮވެދާނެ ކަމަށް ވިދާޅުވި އެވެ.
ފަރިޔާލު ނިޔާވީ، އިމަޖެންސީގައި އިއްޔެ މާލެ ގެނެސް އައިޖީއެމްއެޗުގައި ފަރުވާ ދެމުން ދަނިކޮށް ރޭ ދަންވަރުގެ ވަގުތެއްގަ އެވެ.
އެ މައްސަލާގައި ހޮސްޕިޓަލުގެ ބަހެއް ލިބޭ ގޮތެއް ނުވެ އެވެ. ނަމަވެސް ސަން އަށް އެނގިފައިވާ ގޮތުގައި އޮޕަރޭޝަނަށް ފަހު ލޭ މަނާ ނުވުމުން ރަހިމް ނެގުމުން ލޭ މަނާ ވާނެކަމަށް ބުނެ ފަރިޔާލުގެ ރަހިމު ވެސް ވަނީ ނަގައިފަ އެވެ.
ފަރިޔާލުގެ މައްޗަށް ކުރެވޭ ކަށު ނަމާދު އޮންނާނީ މިއަދު މެންދުރު ނަމާދަށް ފަހު އާސަހަރާ މިސްކިތުގަ އެވެ.