ސްޕެނިޝް ލީގްގައި ރޭ ގްރެނޭޑާ އަތުން 4-0ގެ ނަތީޖާއަކުން ބާސެލޯނާ މޮޅުވި އިރު، ރަފާ ބެނިޓޭޒް ވަކިކުރުމުން ކޯޗް ކަމާ ހަވާލުވި ރެއާލުގެ ކުރީގެ ތަރި ޒައިނުއްދީން ޒިދާންގެ ކޯޗް ކަމުގެ ދަށުން ކުޅުނު ފުރަތަމަ މެޗް ޑިޕޯޓިވޯ ލަކަރޫނާ މައްޗަށް 5-0ގެ ތަފާތު ބޮޑު ނަތީޖާއަކުން ރެއާލް ކާމިޔާބު ކޮށްފި އެވެ.

ބާސާގެ އަމިއްލަ ދަނޑު ކޭމްޕް ނޯ ސްޓޭޑިއަމްގައި ކުޅުނު މެޗްގައި ލިއޮނަލް މެސީ ވަނީ ތިން ލަނޑު ޖަހައި ހެޓްރިކް ހަދައިފަ އެވެ.

ބާސާގެ އަނެއް ލަނޑު ކާމިޔާބު ކުރީ ނޭމާ ޑަސިލްވާ އެވެ.

ރޭގެ މެޗްގައި ބާސާގެ ލަނޑުތައް ކާމިޔާބު ކުރި ދެ ކުޅުންތެރިން ކަމުގައިވާ ނޭމާ އާއި މެސީ --- އެޕީ ފޮޓޯ/ މަނޫ ފެނާންޑޭޒް

މެޗްގައި މެސީގެ ފުރަތަމަ ލަނޑު ފެނިގެން ދިޔައީ މެޗް ފެށިގެން އަށް ވަނަ މިނެޓްގަ އެވެ.

މިލަނޑަކީ 2016 ވަނަ އަހަރު މެސީގެ ޓުރިއޯގެ ގޮތުގައި މަޝްހޫރުވެފައިވާ އާދަ ތުރާން ތަނަވަސްކޮށްދިން ބޯޅައަކުން ކާމިޔާބު ކުރި ލަނޑެކެވެ.

މެސީގެ ދެ ވަނަ ލަނޑު ފެނިގެން ދިޔައީ އޭގެ ހަ މިނެޓް ފަހުން މެޗްގެ 14 ވަނަ މިނެޓްގަ އެވެ.

ރޭގެ މެޗުގައި ލަނޑު ޖެހުމަށް ފަހު ބާސާގެ ކުޅުންތެރިން އުފާ ކުރަނީ --- އެޕީ ފޮޓޯ/ މަނޫ ފެނާންޑޭޒް

މެސީގެ ތިން ވަނަ ލަނޑު ފެނިގެން ދިޔައީ މެޗްގެ 57 ވަނަ މިނެޓްގަ އެވެ.

ބާސާގެ ހަތަރު ވަނަ ލަނޑު ނޭމާ ކާމިޔާބު ކުރީ ސުއަރޭޒް ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ.

ރޭގެ މެޗްގައި ލަނޑު ޖެހުމަށް ފަހު ބާސާގެ ނޭމާ އުފާ ކުރަނީ --- އެޕީ ފޮޓޯ/ މަނޫ ފެނާންޑޭޒް

ޒިދާން ކޯޗް ކަމުގެ ދަށުން ކުޅުނު ފުރަތަމަ މެޗް ޑިޕޯޓިވޯއާ ދެކޮޅާށް ނިކުތް އިރު މެޗްގެ 15 ވަނަ މިނެޓްގައި ރެއާލްއަށް ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިނީ ޒިދާންގެ ނިސްބަތްވާ ފްރާންސްގެ ކަރީމް ބެންޒަމާ އެވެ.

ރޭ ޑިޕޯޓިވޯއާ ދެކޮޅާށް ކުޅުނު މެޗްގައި ލަނޑު ޖެހުމަށްފަހު ރެއާލްގެ ކުޅުންތެރިން އުފާކުރަނީ --- އޭޕީ ފޮޓޯ/ ފްރެންސިސްކޯ ސެކޯ

ރޭގެ މެޗްގައި ގެރެތު ބޭލް ވަނީ ތިން ލަނޑު ޖަހައި ހެޓްރިކް ހަދާފަ އެވެ.

ރެއާލްގެ ދެ ވަނަ ލަނޑު ބޭލް ކާމިޔާބު ކުރީ މެޗްގެ 22 ވަނަ މިނެޓްގަ އެވެ.

ތިން ވަނަ ލަނޑު 49 ވަނަ މިނެޓްގައި ބޭލް ކާމިޔާބު ކުރީ ކްރިސްޓިއާނޯ ރޮނާލްޑޯ ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ.

ރޭ ޑިޕޯޓިވޯއާ ދެކޮޅާށް ކުޅުނު މެޗްގައި ލަނޑު ޖެހުމަށްފަހު ރެއާލްގެ ކުޅުންތެރިން އުފާކުރަނީ --- އޭޕީ ފޮޓޯ/ ފްރެންސިސްކޯ ސެކޯ

ބޭލް ހެޓިރިކް ހެދި ލަނޑު ކާމިޔާބު ކުރީ މެޗްގެ 63 ވަނަ މިނެޓްގަ އެވެ.

ރެއާލްގެ ފަސް ވަނަ ލަނޑު ކަރީމް ބެންޒަމާ ކާމިޔާބު ކުރީ ރޮނާލްޑޯ ޖަހަން މަސައްކަތް ކުރި ބޯޅަ ރޮނާލްޑޯގެ ފައިން ނެއްޓި ލިބުނު ބޯޅަ ގޯލް ތެރެއަށް ފޮނުވާލައިގެންނެވެ.