ބަޣުދާދު (ޖެނުއަރީ 10): އައިއެސްގެ ލީޑަރު، އަބޫބަކުރު އަލް ބަޢުދާދީގެ ދެވަނަ ޑެޕިއުޓީ، ނަސީރު މުހައްމަދު އަލް އުބައިދީ އިރާގުގެ އަސްކަރިއްޔާ އިން ދިން ވައިގެ ހަމަލާތަކެއްގައި މަރާލާފައިވާ ކަމަށް އެގައުމުގެ އަސްކަރިއްޔާ އިން ބުނެފި އެވެ.

އަލް އުބައިދީ އަކީ އިރާގުގެ ހުޅަނގު ސަރަހައްދަށާއި ސޫރިޔާގެ އިރުމަތީ ސަރަހައްދަށް ހަމަޖައްސާފައި ހުންނަ އައިއެސްގެ އިސް ކޮމާންޑަރެއް ކަމަށް އިރާގްގެ ޖޮއިންޓް އޮޕަރޭޝަންސް ކޮމާންޑުން ބުނެ އެވެ. މީގެ ކުރިން އޭނާ ވަނީ އިރާގުގެ ކުރީގެ ލީޑަރު ސައްދާމް ހުސައިންގެ ރިޕަބްލިކަން ގާޑްސްގެ ހާއްސަ ފައުޖުތަކުގެ ކޮމާންޑަރެއްގެ ގޮތުގައި ވެސް މަސައްކަތްކޮށްފަ އެވެ.

އަލް އުބައިދީ މަރާލި ކަމަށް ހަބަރު ފެތުރިފައި ވަނީ އިރާގުގައި ހުންނަ އައިއެސްގެ އިސް ތަރުޖަމާނު، އަބޫ މުހައްމަދު އަލް އަދްނާނީ މަރާލިތާ އެއް ދުވަސް ފަހުންނެވެ. އަލް އަދްނާން މަރުވީ އިރާގުގެ އަންބާރު ޕްރޮވިންސުގައި ހުއްޓާ އޭނާ އަށް ދިން ހަމަލާއެއްގެ ސަބަބުންނެވެ.

އެމެރިކާ އިން ވެސް ވަނީ އައިއެސްއާ ދެކޮޅަށްދޭ ހަމަލާތައް ވަރުގަދަ ކޮށްފަ އެވެ. އެމެރިކާ އިސްވެ އޮންނަ ކޯލިޝަނުން ދިން ވައިގެ ހަމަލާތަކުގައި އައިއެސްގެ 10 އިސް ލީޑަރަކު މަރާލާފައިވާ ކަމަށް ކާނަލް ސްޓީވް ވޮރެން ވިދާޅުވި އެވެ. އޭގެ ތެރޭގައި "ބޭރު ގައުމުތަކަށް ހަމަލާ ދޭން ރޭވި" ބައެއް ފަރާތްތައް ހިމެނޭ ކަމަށް ވެސް ވޮރެން ވިދާޅުވި އެވެ. (ނޫސްއޭޖެންސީތައް)