ބޮލީވުޑްގެ ސުޕަ ސްޓާ އަމީތާބު ބައްޗަން މިހާރު ކޮލްކަތާގައި ޝޫޓު ކުރަމުން އަންނަ ފިލްމު "ޓީން"ގެ މަސައްކަތުގައި އުޅެނިކޮށް ހިނގި ހާދިސާއެއްގައި އޭނާގެ މޭގެ ކަށިގަނޑެއް ހަލާކުވެއްޖެއެވެ.

އަމީތާބުގެ މޭގެ ކަށިގަނޑަކަށް ގެއްލުންވެފައިވާކަން އެނގުނީ، ފިލްމަށް ޝޫޓު ކުރުމުގެ ތެރެއިން މެއަށް އަނިޔާވެ ރިއްސާތީ ހެދި ސީޓީ ސްކޭނަކުންނެވެ.

ސީޓީ ސްކޭނަށް ފަހު އަމީތާބު ކުރި ޓުވީޓެއްގައި ބުނެފައިވަނީ އޭނާގެ މޭގެ ކަށިގަނޑަކަށް ގެއްލުން ލިބިފައިވާ ކަމަށާއި ރަނގަޅުވާން ވަގުތު ނަގާނެ ކަމަށެވެ.

މޭގެ ކަށިގަނޑަކަށް އަނިޔާވި ނަމަވެސް އޭނާ ވަނީ "ޓީން" ގެ ޝޫޓިން އަށް އެނބުރި ކޮލްކަތާއަށް ގޮސްފައެވެ.

މިއީ އަމީތާބަށް ޝޫޓިން އެއްގެ ތެރޭގައި އަނިޔާވި ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިން 1982 ވަނަ އަހަރު އޭނާ ކުޅުނު ފިލްމު "ކޫލީ" ގެ ސެޓުންވެސް ބޮޑެތި އަނިޔާތަކެއް ލިބި އޭނާއަށް ވަނީ ފަރުވާ ދީފައެވެ.

އަމީތާބުގެ އިތުރުން ފިލްމު "ޓީން" ގައި ހަރަކާތްތެރިވާ ތަރިންތަކުގެ ތެރޭގައި ވިދްޔާ ބާލަން، ނަވާޒުއްދީން ސިދުގީ، ސުޖޯއި ގޯޝް ފަދަ ތަރިން ހިމެނެއެވެ.