ކޯޓު އަމުރެއް ނުވަތަ ގާނޫނީ މެންޑޭޓެއްނެތި ކ. ތުލުސްދޫގައި ގާއިމްކޮށްފައިވާ އަތޮޅު ކައުންސިލް އިދާރާގެ ތެރެއަށް ނުވަނުމަށާއި މާލެ އަތޮޅު ކައުންސިލުން އިސްލާމީ ޝަރީއަތާއި ގާނޫނާ ހިލާފުނުވާ ގޮތުގެ މަތިން ކުރަމުންދާ އެއްވެސް މަސައްކަތަކަށް ހުރަސް އަޅައި މަސައްކަތް ހުއްޓުވައިގެން ނުވާނެ ކަމަށް ތުލުސްދޫ މެޖިސްޓްރޭޓް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ކ. އަތޮޅުގެ މަރުކަޒީ ރަށަކީ ތުލުސްދޫ ކަމަށާއި އަދި އަތޮޅު ކައުންސިލް އިދާރާ ހުންނާނީ އެ ރަށުގައި ކަމަށް އަތޮޅު ކައުންސިލުން ކަނޑައަޅައި މަސައްކަތް ފެށުމުން އެ މަސައްކަތަށް ފުލުހުން ހުރަސްއެޅުމުން ފުލުހުންގެ މައްޗަށް ކުރި ދައުވާގެ ހުކުމްގައި ބުނަނީ، ފުލުހުން އެ އިމާރާތުގައި ހަރަކާތްތެރިވުން މިހާރު ހުއްޓާލާފައިވިއަސް ކުރިއަށް އޮތްތަނުގައި ކޯޓު އަމުރެއް ނުވަތަ ގާނޫނީ މެންޑޭޓެއް ނެތި ކައުންސިލްގެ ނުރުހުމުގައި އިމާރާތުގެ ތެރެއަށް ވަދެގެން ނުވާނެ ކަމަށާއި އަދި ކައުންސިލްގެ އެއްވެސް މަސައްކަތަކަށް ހުރަސް އަޅައިގެން ވެސް ނުވާނެ ކަމަށެވެ.

"ކުރިއަށް އޮތްތަނުގައި ކޯޓު އަމުރެއް ނެތި ނުވަތަ ގާނޫނީ މެންޑޭޓެއް ނެތި މާލެ އަތޮޅު ކައުންސިލްގެ ނުރުހުމުގައި އިމާރާތުގެ ތެރެއަށް ނުވަނުމަށާއި އިސްލާމީ ޝަރީއަތާއި ގާނޫނާއި ހިލާފުނުވާނެ ގޮތުގެ މަތިން މާލެ އަތޮޅު ކައުންސިލްގެ ފަރާތުން ކުރަމުންދާ ގާނޫނީ އެއްވެސް މަސައްކަތަކަށް ހުރަސް އަޅައި މަސައްކަތުގެ މަކާނުގެ ތެރެއަށް ވަދެ މަސައްކަތް ހުއްޓުވައި ހަދައިގެން ނުވާނެ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އަށް އަންގާ ގަޒިއްޔާ ނިންމީ އެވެ،" ތުލުސްދޫ މެޖިސްޓްރޭޓް ކޯޓުގެ ހުކުމްގައިވެ އެވެ.

އެ ހުކުމްގައި އިރުތަށް ބުނަނީ، ތުލުސްދޫގައި ގާއިމްކޮށްފައި ހުރި ކުރީގެ މާލެ އަތޮޅު އޮފީސް ހިންގި އިމާރާތާއި އަތޮޅު އޮފީހުގެ ނަމުގައިވާ ތަންތަނާއި ތަކެއްޗާއި މުދަލާއި ފައިސާ އާއި އެހެނިހެން ވަސީލަތްތައް ލާމަރުކަޒީ ގާނޫނުގެ ދަށުން މާލެ އަތޮޅު ކައުންސިލްގެ ބެލުމުގެ ދަށަށް ބަދަލުވީކަން އެޓާނީ ޖެނެރަލްގެ އޮފީހުގެ ސިޓީއެއްގައި އިއުތިރާފުވެފައިވާ ކަމަށެވެ.

އެހެންކަމުން ފެބްރުއަރީ 27، 2011 ވަނަ ދުވަހުން ފެށިގެން މާލެ އަތޮޅު ކައުންސިލް މަސައްކަތް ކުރަމުން އަންނަ "މާލެ އަތޮޅު ރައްޔިތުންނަށް ނިސްބަތްވާ އަތޮޅު އޮފީސް ހިންގި އިމާރާތާއި އެތާނގެ ނަމުގައި ހުރި މުދަލާއި ފައިސާ އާއި އެހެނިހެން ވަސީލަތްތައް ގެންގުޅެ ބެލެހެއްޓުން މާލެ އަތޮޅު ކައުންސިލާ ހަވާލުކޮށްފައި ވަނީ ލާމަރުކަޒީ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް ޝަރީއަތަށް ސާބިތުވާތީ، އެ އޮފީހުގެ ތަޅުދަނޑި އަތުލުމުގެ ގާނޫނީ މެންޑޭޓެއް ފުލުހުންނަށް ލިބިގެންނުވާ ކަމަށް ވެސް ހުކުމްކޮށްފައިވެ އެވެ.

އަދި ފުލުހުން އަތުލި ތަޅުދަނޑިތައް މިއަދާއި ހަމައަށް އަތޮޅު ކައުންސިލާއި ހަވާލުކޮށްފައިނުވާތީ އެކަމުގެ ޒިންމާއުފުލަން ޖެހޭ ފަރާތަކީ ފުލުހުން ކަމަށް ވެސް ތުލުސްދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ. އަދި އެތަޅުދަނޑި ފުލުހުން އެއްވެސް އިދާރާއަކާ ހަވާލުކޮށްފައިވާ ނަމަ އެފަރާތަކުން ނުވަތަ ރައްކާކޮށްފައި އޮތް އިދާރާއަކުން ހޯދުމަށް ފަހު ފުލުހުންނަށް ކެރިކުޅަދާނަކަން ލިބިގެންވީ އެންމެ އަވަސް މުއްދަތެއްގެ ތެރޭގައި ހުރިހާ ތަޅުދަނޑިއެއް ހަމަވާ ގޮތަށް މާލެ އަތޮޅު ކައުންސިލާ ހަވާލުކުރުމަށް ވެސް ކޯޓުން ވަނީ ފުލުހުންގެ މައްޗަށް އަމުރުކޮށްފަ އެވެ.