ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ސިޒޭރިއަން ހެދުމުގެ ދިމާވި މައްސަލައަކާ ގުޅިގެން ލޭ މަނާ ނުވެ ހާލު ސީރިއަސްވި، އެރަށު، ސިނަމާގެ އައިޝަތު ފަރިޔާލު، 33، މާލެ ގެނެސް އައިޖީއެމްއެޗްގައި ފަރުވާދެމުން ދަނިކޮށް ނިޔާވެއްޖެ އެވެ.

ފަރިޔާލު ނިޔާވީ، އިމަޖެންސީގައި އިއްޔެ މާލެ ގެނެސް އައިޖީއެމްއެޗުގައި ފަރުވާ ދެމުން ދަނިކޮށް ރޭ ދަންވަރުގެ ވަގުތެއްގަ އެވެ.

މި މައްސަލައިގައި ހޮސްޕިޓަލުގެ ބަހެއް ލިބޭ ގޮތެއް ނުވެ އެވެ. ނަމަވެސް ސަން އަށް އެނގިފައިވާ ގޮތުގައި އޮޕަރޭޝަނަށް ފަހު ލޭ މަނާ ނުވުމުން ރަހިމް ނެގުމުން ލޭ މަނާ ވާނެކަމަށް ބުނެ ފަރިޔާލުގެ ރަހިމުވެސް ވަނީ ނަގާފަ އެވެ.

ފަރިޔާލުގެ މައްޗަށް ކުރެވޭ ކަށު ނަމާދު އޮންނާނީ މިއަދު މެންދުރު ނަމާދަށްފަހު އާސަހަރާ މިސްކިތުގަ އެވެ.