10 Jan 2016, 09:08
އެމެރިކާގެ އެލަސްކާއިން ކޮލޮރާޑޯއަށް ދަތުރުކުރަމުން ދިޔަ ޔުނައިޓެޑް އެއާލައިންސްގެ ފްލައިޓެއްގައި އިން މީހެއްގެ އަމަލުތައް ހުރި ގޮތުގެ ސަބަބުން، އެ ފްލައިޓު ކެނެޑާއަށް ޑައިވާޓްކޮށް، އެމީހާ ހައްޔަރުކޮށްފި އެވެ.
ޔުނައިޓެޑް އެއާލައިންސްގެ އެ ފްލައިޓުގެ ފަސިންޖަރަކު ކެނެޑާގެ ނޫސްތަކަށް މަޢުލޫމާތު ދެމުން ބުނީ، އެ ފްލައިޓުގައި "ކަމަކާ ވަރަށް އުނދަގޫވެފައި" އިން ފަސިންޖަރަކު އިން ކަމަށާއި އެމީހާ ދިޔައީ އިރު އިރު ކޮޅާ އޭނާގެ ސީޓުން ތެދުވެގެން ފްލައިޓު ތެރޭގައި ހިނގަމުން ކަމަށެވެ.
އަދި އެމީހާ، ފްލައިޓުގެ ފަހަތަށް ގޮސް، އެތަނުގައި ތިބި ބަޔަކަށް ބިރު ދައްކާ ހެދި ކަމަށް ވެސް މީޑިއާގައި ވާހަކަ ދެއްކި ފަސިންޖަރު ބުންޏެވެ.
އެހެންކަމުން، އެ ފްލައިޓުގެ އެހެން ފަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް ޓަކައި، އެ ފްލައިޓު ކެނެޑާގެ ވެންކޫވަރއަށް ޑައިވާޓް ކުރެވުނެވެ.
"ވަރަށް އާދަޔާ ޚިލާފު. ފްލައިޓު ޑައިވާޓް ކުރާ ވާހަކަ ކްރޫއިން އިއުލާނު ވެސް ނުކުރޭ. ހަމަ ކުއްލިއަކަށް ހުރެލާފައި ލޭންޑު ކުރީ. ލޭންޑު ކުރި އިރު ގިނަ ފަސިންޖަރުން ހީކުރީ ކޮލޮރާޑޯއަށް އާދެވުނީ ކަމަށް އެކަމަކު ފްލައިޓު ޖެއްސީ ވެންކޫވަރއަށް،" އެ ފަސިންޖަރު ބުންޏެވެ.
އަދި އެ ފްލައިޓުގައި ތިބި ހުރިހާ ފަސިންޖަރުން ފްލައިޓުން ބާލައި، ޓާމިނަލްއަށް ގެންދެވުނު އިރު، ފްލައިޓުގައި ޝައްކު ކުރެވޭ ގޮތަކަށް އަމަލު ބަހައްޓަމުން އައި ފަސިންޖަރު ވަނީ ހައްޔަރުކޮށްފަ އެވެ.