10 Jan 2016, 09:06
މުޅި ދުނިޔޭގެ ސިނަމާތަކުގައި މީގެ އެއް މަސް ދުވަސް ކުރިން އެޅުވި، ސްޓާ ވޯސް ފްރެންޗައިސްގެ ހަތްވަނަ ފިލްމު، "ސްޓާ ވޯސް: ދަ ފޯސް އެވޭކަންސް" ޗައިނާގައި އެންމެ ފަހުން އަޅުވައިފި އެވެ.
މި ފިލްމު ޗައިނާގެ ބެއިޖިންގގައި ހުންނަ ޔޫއެމްއީ ސިނަމާގައި ކޮންމެ ބައި ގަޑި އިރަކުން އެއް ފަހަރު އިއްޔެއިން ފެށިގެން ދައްކަން ފެށި ނަމަވެސް، ޗައިނާގައި މި ފިލްމަށް މާ ބޮޑު ތަރުހީބެއް ނެތެވެ.
އެހެން ނަމަވެސް، މި ފިލްމު ވަނީ ޗައިނާގެ ބޮކްސް އޮފީހުގެ ވެސް ރިކޯޑުތައް މުގުރާލައިފަ އެވެ. އިއްޔެ މި ފިލްމު ޗައިނާގައި އެޅުވި އިރު، އެ ފިލްމަށް ވަނީ 33 މިލިޔަން ޑޮލަރު ލިބިފަ އެވެ.
ސްޓާ ވޯސް ފްރެންޗައިސްއަކީ ޗައިނާއަށް އާ ކަމެކޭ ބުނުމަކުން ދޮގަކަށް ނުވާނެ އެވެ. އެންމެ ފުރަތަމަ ސްޓާ ވޯސްގެ ފިލްމުތައް، 1970 އާއި 1980 ގެ އަހަރުތަކުގައި އެމެރިކާގައި ނެރެމުން ދިޔަ އިރު، ޗައިނާގައި ކުރިޔަށް ދިޔައީ އެޤައުމުގެ ސަގާފީ އިންޤިލާބެވެ. އެދުވަސްވަރު، ހުޅަނގުގެ އެއްވެސް ސަގާފަތަކަށް ޗައިނާގައި މަރުހަބާ ނުކިޔޭ އިރު، ހުޅަނގުގެ ފިލްމުތަކާއި އެހެނިހެން ކަންކަން ވެސް ޗައިނާގައި "މަނާ" އެވެ.
ސްޓާ ވޯސްއަށް ޗައިނާގައި ތަރުހީބު ނެތް އިރު، އެ ފިލްމު ޕްރޮޑިއުސް ކުރި ލޫކަސް ފިލްމްސް ކުންފުނި މިހާރު ވަނީ އެމެރިކާގެ މަޝްހޫރު ޑިޒްނީ ކުންފުނިން ހަތަރު ބިލިޔަން ޑޮލަރަށް ގަނެފަ އެވެ. ޑިޒްނީއިން ދަނީ، ޗައިނާގައި ސްޓާ ވޯސް ފްރެންޗައިޒަށް މީހުންގެ ޝައުޤު ޖެއްސުމަށް ކަންތައްތަކެއް ކުރުމަށް ރާވަމުންނެވެ. އެގޮތުން، ސްޓާ ވޯސް ފިލްމުގެ މިއުޒިކް ވީޑިއޯއެއް، ޗައިނާގެ މަޝްހޫރު މިއުޒިކީ ފަންނާނަކާ އެކު ހެދުމުގެ ޚިޔާލު ޑިޒްނީއިން ގެންގުޅޭކަން ވަނީ ހާމަ ކޮށްފަ އެވެ.
އެހެން ނަމަވެސް މިކަމަށް ވެސް ޗައިނާގެ ސަރުކާރުގެ ބައެއް އިދާރާތަކުން ހުރަސް އެޅުމަކީ އެކަށީގެންވާ ކަމެކެވެ. ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު ބާރު ކަމުގައިވާ ޗައިނާއިން އެމެރިކާއާ އެއްގޮތަށް އެއްވެސް ކަމެއް ކުރަން ނޭދޭ އިރު، ޗައިނާގައި އެޤައުމުގެ ސަގާފަތް ދަމަހައްޓައި، ހުޅަނގުގެ ސަގާފަތް "މަސްހުނި" ނުކުރުމަށް އެޤައުމުގެ ސަރުކާރުން މަސައްކަތް ކުރެ އެވެ. އެގޮތުން، ޗައިނާގައި އަޅުވާނީ ބޭރު ޤައުމުތަކުގެ ކޮން ފިލްމުތަކެއްތޯ ވެސް ނިންމަނީ އެޤައުމުގެ ސަރުކާރުންނެވެ. އެ ފިލްމު ޗައިނާގައި ރިލީޒް ކުރާ ތާރީޚު ވެސް ކަނޑައަޅަނީ ސަރުކާރުންނެވެ.