10 Jan 2016, 09:02
މިއަހަރު އެމެރިކާގައި އޮންނަ ރިޔާސީ އިންތިޚާބުގައި، ރިޕަބްލިކަން ޕާޓީގެ ރިޔާސީ ޓިކެޓަށް ވާދަ ކުރާ ޑޮނަލްޑް ޓްރަމްޕްގެ ކެމްޕޭން ބައްދަލުވުމެއްގައި، އޭނާއާ ދެކޮޅަށް ހިމޭން މުޒާހަރާއެއް ކުރި މުސްލިމު އަންހެނަކު އެ ބައްދަލުވުމުން ބޭރުކޮށްފި އެވެ.
ރޯޒް ހާމިދު ނަމަކަށް ކިޔާ 56 އަހަރުގެ އެ އަންހެން މީހާ، ޓްރަމްޕްގެ ކެމްޕޭން ބައްދަލުވުމުގައި މުޒާހަރާ ކުރުމުގެ ގޮތުން ކޮޅަށް ތެދުވީ، ސީރިޔާގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން އެޤައުމު ދޫކޮށް، އެހެން ޤައުމުތަކަށް ހިޖުރަ ކުރާ ރެފިއުޖީންނަކީ އައިއެސްއާ ގުޅިފައިވާ ބައެއް ކަމަށް ޓްރަމްޕް ބުނުމާ އެކު އެވެ.
ރޯޒް އެވަގުތު އިށީނދެ ހުރީ، ޓްރަމްޕްއާ ދިމާލުން ފަހަތުގައި ހުރި ގޮނޑި ބަރީގަ އެވެ. ހިމޭން މުޒާހަރާއެއް ކުރުމަށް ރޯޒް ތެދުވުމާއި އެކު، ޓްރަމްޕްގެ ސަޕޯޓަރުން ޓްރަމްޕްއަށް ތާއީދުކުރާކަން ހާމަ ކުރުމުގެ ގޮތުން އޭނާގެ ނަން ގުގުމަން ފެށި އެވެ. އަދި ބައެއް މީހުން ދިޔައީ، ރޯޒް އަކީ ޓެރަރިސްޓެއް ކަމަށާއި، އޭނާ އަތުގައި ބޮމެއް އޮތް ކަމަށް ގޮވަމުންނެވެ.
އެއާއި އެކު، ޓްރަމްޕްގެ ކެމްޕޭނު އޮފީހުގެ މުވައްޒަފުން ވަނީ، ރޯޒްއާއި، އޭނާއާ އެކު އެވަގުތު ތިބި އިތުރު ތިން މީހަކު އެ ރެލީއިން ބޭރު ކޮށްފަ އެވެ. ބޭރު ކުރި އެންމެން ވެސް ތިބީ، ނާޒީންގެ ދުވަސްވަރު ޖަރުމަނުގައި ޔަހޫދީން ދެނެގަތުމަށް އެމީހުން ލައްވާ މަޖުބޫރުން އަންނައުނުގައި ޖެހުވި ރީނދޫ ކުލައިގެ ތަރި ވެސް ޖަހައިގެންނެވެ.
ރޯޒްއާއި އޭނާގެ ހިމޭން މުޒާހަރާގެ ބައިވެރިން އެ ރެލީއިން ބޭރު ކުރެވުނު އިރު، އެކަމާ ގުޅިގެން ޑޮނަލްޑް ޓްރަމްޕް އެތަނުގައި ބުނެފައި ވަނީ، އެމެރިކާގެ ރައްޔިތުންނާ ދެކޮޅަށް ބޮޑު ރުޅިވެރިކަމެއް އޮންނަ ކަމަށާއި، އެތަނުން ފެނިގެން ދިޔައީ އެފަދަ ކަމެއް ކަމަށެވެ.
ނަމަވެސް ރޯޒް އެ ރެލީއަށް ދިއުމުގެ ކުރިން ބުނީ، އޭނާ އެތަނަށް ދަނީ، ޓްރަމަޕްގެ ސަޕޯޓަރުންނަށް މީގެ ކުރިން މުސްލިމަކާ ބައްދަލުވެފައި ހުރި ހެން އޭނާއަށް ހީ ނުވާތީ ކަމަށެވެ.
މި ހާދިސާއާ ގުޅިގެން، ކޮމިޓީ އޮން އެމެރިކަން އިސްލާމިކް ރިލޭޝަންސްއިން ބުނެފައިވަނީ، މުސްލިމު އަންހެނަކު ސިޔާސީ ރެލީއަކުން ބާކީކޮށްލައި، ބޭރު ކޮށްލުމުގެ މަންޒަރަކީ، މިނިވަން އަދި "ޑައިވާރސް" ކަމަށް ދައުވާ ކުރާ، އެމެރިކާ ފަދަ ޤައުމަކުން ފެންނާނެ ކަމަށް އުންމީދު ކުރަން ދަތި މަންޒަރެއް ކަމަށެވެ. އެ ކޮމިޓީއިން ބުނެފައިވަނީ، މި އަމަލަށް ޑޮނަލްޑް ޓްރަމްޕް އެމެރިކާގެ މުސްލިމުންގެ ކިބައިން މައާފަށް އެދެން ޖެހޭނެ ކަމަށެވެ.