10 Jan 2016, 08:55
ބަންގުބަންދު ގޯލްޑްކަޕުގެ ދެވަނަ މެޗުގައި ނޭޕާލުން މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން މެލޭޝިއާއާ ބައްދަލު ކުރި މެޗު ލަނޑެއް ނުޖެހި އެއްވަރުވެއްޖެ އެވެ.
ޖޯޝުރުގެ ޝަމްސުލް ހުދާ ސްޓޭޑިއަމްގައި އިއްޔެ ކުޅުނު އެ މެޗުގައި ދެ ޓީމަށް ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިހެން ދިޔައެވެ.
އެގޮތުން ފުރަތަމަ ހާފުގައި މެލޭޝިއާގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނުނު ނަމަވެސް، ނޭޕާލް ޓީމުން ވަނީ ފުރަތަމަ ހާފުގެ ފަހު ވަގުތުކޮޅުގައި މެލޭޝިއާގެ ގޯލަށް ނުރައްކާތެރި ކޮށްފައެވެ.
ސާފް ޗެމްޕިއަންޝިޕްގައި ކުޅުނު ޓީމުގައި ހިމެނޭ 10 ކުޅުންތެރިންނާއެކު މުބާރާތާ ބައްދަލުކުރި ނޭޕާލުގެ ޓީމުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވަނީ މެޗުގެ ދެވަނަ ހާފުގައެވެ.
މެޗަށްފަހު ދެ ޓީމުގެ ކޯޗުން ވެސް ބުނެފައިވަނީ ނަތީޖާއާމެދު ހިތްހަމަޖެހޭ ކަމަށާއި މެޗަކަށް ފަހު މެޗެއް ރަނގަޅުކުރުމަށް އުއްމީދުކުރާ ކަމަށެވެ.
މިއަދުގެ މެޗު އެއްވަރުވެގެން ނިމިފައިވާއިރު، ލިބުނު އެއް ޕޮއިންޓާއެކު ދެ ޓީމު ވެސް އޮތީ ގްރޫޕް "އޭ" ގެ ދެވަނައިގަ އެވެ.
މެލޭޝިއާއަކީ މިހާތަނަށް މި މުބާރާތް ދެ ފަހަރު ކާމިޔާބުކޮށް މިފަހަރުގެ މުބާރާތުގެ ވެސް ފޭވަރިޓުންނެވެ.
މިއަހަރުގެ މުބާރާތުގައި މެލޭޝިއާ ތަމްސީލު ކުރަނީ އެގައުމުގެ ގެލްޑާ ޔުނަިޓަޑުންނެވެ.
ނޭޕާލާ މެލޭޝިއާގެ އިތުރުން ގްރޫޕް "އޭ" ގައި ދެން ހިމެނެނީ މުބާރާތް ބާއްވާ ބަންގުލަދޭޝްއާއި ލަންކާ އެވެ.
އެ ގްރޫޕްގެ އެއްވަނަ މަގާމުގައި އޮތީ ބަންގްލަދޭޝް އެވެ. ގްރޫޕްގެ އެއްވަނަ މަގާމް އެ ޓީމަށް ލިބިފައިވަނީ މުބާރާތުގެ ފުރަތަމަ މެޗުގައި ސްރީ ލަންކާ އަތުން 4-2 ލަނޑުގެ ނަތީޖާއަކުން މޮޅުވެ ލިބުނު ތިން ޕޮއިންޓާއެކުގަ އެވެ.
މިމަހުގެ 8 އިން 18 އަށް ބަނގުލަދޭޝްގެ ވެރިރަށް ޑާކާގައި ކުރިއަށް ގެންދާ ބަންގަބަންދު ގޯލްޑް ކަޕްގެ ގްރޫޕް "އޭ" ގެ މެޗުތައް ދެން ކުޅޭނީ އަންނަ އަންގާރަ ދުވަހު އެވެ.
ބަންދަބަންދު ނެޝަނަލް ސްޓޭޑިއަމްގައި ކުޅެން ހަމަޖެހިފައިވާ އެ މެޗުތަކުގައި ބަންގްލަދޭޝްއާ ދެކޮޅަށް މެލޭޝިއާ ނުކުންނައިރު، ނޭޕާލާ ދެކޮޅަށް ނުކުންނާނީ ގްރޫޕުގެ ފުލުގައި އޮތް ޝްްރީ ލަންކާއެވެ.
މި މުބާތުގައި ރާއްޖެ ހިމެނެނީ ގްރޫޕް "ބީ"ގައެވެ. ރާއްޖޭގެ އިތުރުން މި ގްރޫޕްގައި ހިމެނެނީ، ކެމްބޯޑިއާ، ބަހްރެއިން އަދި ބަނގުލަދޭޝްގެ 23 އަހަރުން ދަށުގެ ޓީމެވެ. ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި އަންނަ ހޯމަ ދުވަހު ނުކުންނާނީ ކެމްބޯޑިއާއާ ދެކޮޅަށެވެ.
އޭއެފްސީ ކޮންފެޑެރޭޝަންތަކުގެ ތެރޭގައި ހިމެނޭ ގައުމުތައް ބައިވެރިކޮށްގެން ބާއްވާ މި މުބާރާތަކީ ބަނގުލަދޭޝްގެ ބާނީ ޝެއިޚް މުޖީބުއްރަޙްމާންގެ ހަނދާނުގައި އެގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުން އިންތިޒާމް ކޮށްގެން ބާއްވާ ބައިނަލްއަގްވާމީ މުބާރާތެކެވެ.