10 Jan 2016, 09:15
ރީތިކޮށް ހެދުން އެޅުމަކީ ހަމައެކަނި އަންހެނުންނަށް އޮތް ކަމެއް ނޫނެވެ. ފިރިހެނުން ވެސް ރީތިކޮށް ހެދުން އަޅަން ޖެހޭ އިރު، މިއީ ގިނަ ބަޔަކު ވާހަކަ ދައްކާ ހަދާ މައުޟޫޢެއް ނޫނެވެ. ފިރިހެނުން ހެދުން އެޅުމުގައި ވިސްނަންވީ ބައެއް ކަންތައްތަކާއި ހެދުން އެޅުމުގައި ބޭނުންކުރެވިދާނެ ބައެއް ފަސޭހަ "ޓިޕްސް" ވެސް ހުރެ އެވެ. އެހެންކަމުން މި ހުށަހަޅައި ލަނީ، ފިރިހެނުން ހެދުން އެޅުމުގައި ބޭނުންކުރެވިދާނެ ބައެއް "ޓިޕްސް" އެވެ.
ގަމީހުގެ އަތުކުރި އޮޅުމަށް ފަސޭހަ ގޮތެއް!
ގަމީހުގެ އަތުކުރި އޮޅުމަކީ އާންމު ގޮތެއްގައި ކުރަން އުނދަގޫ ކަމެކެވެ. ގަމީހުގެ އަތް އޮޅުމަށް ގިނަ ވަގުތު ހޭދަ ކުރެ އެވެ. އަތުކުރި އެއްކޮށް އޮޅައިލުމަށް، ނުވަތަ ގަމީހުގެ އަތް ހުރިގޮތަށް މައްޗަށް ނެގުމުގެ ބަދަލުގައި މާ ފަސޭފަ ގޮތެއް އޮވެ އެވެ. މި ގޮތަށް އިނގިރޭސިން ކިޔަނީ "މާސްޓަރ ސްލީވް ރޯލް" އެވެ.

ޖީންސުގެ އެންމެ ހެޔޮވަރު ސައިޒް ދެނެގަންނާނެ ގޮތް
ބައެއް ފިރިހެނުން، އެމީހުންނަށް ހެޔޮވަރު ސައިޒަށް ވުރެ ބޮޑެތި ޖީންސު އަދި ފަޓުލޫނު ލައިގެން އުޅެ އެވެ. ނަމަވެސް މި ޒަމާނުގައި ގިނައީ ބޮޑެތި ޖީންސަށް ވުރެ، ގަޔަށާއި ފަޔަށް ބާރު ޖީންސު ލައި އުޅޭ މީހުންނެވެ. މައްސަލައެއް ނެތެވެ. އެއީ ފެޝަން ވެއްޖިއްޔާ އެގޮތަށް ކުރިޔަށް ދާށެވެ. އެހެން ނަމަވެސް، އެންމެ ހެޔޮވަރު ސައިޒުގެ ޖީންސު ނުވަތަ ފަޓުލޫނެއް ލެވިއްޖެ ނަމަ، ފަސޭހަ ކަމުގެ އިހްސާސް މާ ބޮޑަށް ކުރެވޭނެ އެވެ.
އެންމެ ހެޔޮވަރު ސައިޒު ދެނެގަތުމަށް، ޖީންސު ލުމަށް ފަހު ޖީންސާއި އުނަގަނޑާއި ދެމެދު ދެ އިނގިލި ލެވޭތޯ ބަލާށެވެ. އޭރުން ހުންނާނީ ހެޔޮ ވަރަށެވެ.

ސޯޓުގެ ދިގުމިނަށް ވިސްނާ!
ރާއްޖެ ފަދަ ގައުމުތަކުގައި ހޫނު ގަދަ ކަމުގެ ސަބަބުން ގިނަ ފިރިހެނުން ސޯޓު ލައިގެން އުޅެ އެވެ. އެހެން ނަމަވެސް، ކޮންމެ ކޮންމެ ސައިޒެއްގެ ސޯޓެއް ލައިގެން ކަމަކު ނުދާނެ އެވެ. ލާ ސޯޓުގެ ދިގުމިނަކީ ވެސް މުހިންމު ކަމެކެވެ.
އާންމުކޮށް ކަކުލަށް ވުރެ ދިގު ސޯޓު ލައިގެން އުޅެނީ ރާޅައި އަޅައި، މޫދު ކުޅިވަރު ކުޅެ އުޅޭ މީހުންނެވެ. އެފަދަ ކަމެއްގައި އުޅޭ އިރު ދިގު ސޯޓު ލުމަކީ މައްސަލައެއް ނޫނެވެ. ނަމަވެސް ރަހުމަތްތެރިންނާ އެކު ބޭރަށް ގޮސް ހެދުމުގައި އެފަދަ ސޯޓު ލުމަކީ މާ އެދެވޭ ކަމެއް ނޫނެވެ.
ހަމަ އެއާ އެކު، މާ ކުރު ސޯޓު، ފިރިހެނުން ލުމަކީ މީހުން މާ ގަޔާ ވާނެ ކަމެއް ނޫނެވެ. ފައިގެ ފަލަމަސްގަނޑުގެ ބޮޑު ބައެއް ކަޝްފުވާ ފަދަ ސޯޓު ނުލާށެވެ.
ބަދަލުގައި، އެންމެ ފުރިހަމަ ދިގުމިނުގެ ސޯޓު ހޯދާށެވެ. ސޯޓުގެ ދިގުމިނަކީ ފައިގެ ކަކުލު ހުޅާއި ހަމައަށް ކަމުގައިވާ ނަމަ ވަރަށް ފުރިހަމަ އެވެ. އެ ދިގުމިން ކަކުލު ހުޅަށް ވުރެ ތިން އިންޗި މަތި ވެގެން ނުވާނެ އެވެ.

ހުދު އިސްޓާކީނަށް އަރާނީ..؟
ހުދު އިސްޓާކީނު އާންމު ގޮތެއްގައި ބޭނުންކުރަނީ ކުޅިވަރު ކުޅޭ އިރުގަ އެވެ. ކުޅިވަރެއްގައި މަސްއޫލުވެ އުޅޭ އިރުގައި ނޫނީ، ހުދު އިސްޓާކީނު ބޭނުން ނުކުރާށެވެ. ރަސްމީ ކަމެއްގައި ބައިވެރިވާން ޖެހޭ ނަމަ ވެސް، ހުދު އިސްޓާކީނަށް ނާރާށެވެ. އޭގެ ބަދަލުގައި، ލާ ހެދުމަކާ ގުޅޭ ކުލައެއްގެ އިސްޓާކީނަށް އަރާށެވެ. އެހެން ނަމަވެސް، ހުދު ކުލަ ލިޔަސް އެކުލައިގެ އިސްޓާކީނަށް އެރުމަކީ އެދެވިގެންވާ ކަމެއް ނޫނެވެ.
ބެގީ ކުރާނީ ކޮން ކަހަލަ ގަމީހެއް؟
ކޮންމެ ކޮންމެ ގަމީހެއް ބެގީ ކޮށްގެން ނުވާނެ އެވެ. އަދި ކޮންމެ ގަމީހެއް ބެގީ ނުކޮށް ލައިގެން ވެސް ނުވާނެ އެވެ. ކެޝުއަލް ގަމީހާއި ފޯމަލް ގަމީހުގެ ތަފާތު ފުރަތަމަ ދެނެގަންނަން ޖެހެ އެވެ.
އޮފިޝަލް ގަމީހެއް -- ފޮޓޯ: ބަޒްފީޑް
އޮފިޝަލް ގަމީސް ލާނީ ހަމައެކަނި ބެގީ ކުރާ ނަމަ އެވެ. އެހެން ނޫނީ ބަލާ މީހުންނަށް ފެންނާނީ ވަރަށް ގަޔާ ނުވާ ކަހަަލަ ގޮތަކަށެވެ. އޭގެ ބަދަލުގައި، ބެގީ ނުކޮށް ލާނީ ކެޝުއަލް ގަމީހެވެ.