މާލޭގައި ދިވެހި ފިލްމުތައް ރިލީޒްކުރާ ދުވަހާ, އެއް ދުވަހެއްގައި އަތޮޅު ތެރޭގައި ތިބޭ މީހުންނަށް ވެސް ފިލްމު ބަލާލުމުގެ ފުރުސަތު ހޯދައި ދިނުމުގެ ގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 200 ސިނަމާ އެޅުމުގެ މަސައްކަތެއް ރާއްޖޭގެ ކުންފުންޏަކުން ފަށައިފި އެވެ.

އެ ޕްރޮޖެކްޓް ކުރިއަށް ގެންދަނީ، މިިދިޔަ މަހުގެ ތެރޭގައި ރަޖިސްޓްރީ ކޮށްފައިވާ "މަގޭ ސިނަމާ" ނަމަކަށް ކިޔާ ކުންފުންޏަކުންނެވެ.

އެ ކުންފުނީގެ ޝެއާ ހޯލްޑަރުންނަކީ ފަރިވާ ފިލްމްސްގެ ޗެއާމަން އަދި ފިލްމީ ދާއިރާގައި ކާމިޔާބު މަސައްކަތްތަކެއް ކޮށްފައިވާ ހުސެއިން ރަޝީދު (މަހުމާ) އާއި މަޝްހޫރު ފިލްމީ ތަރި އަލީ ސީޒަން އަދި މުހައްމަދު އަބޫބަކުރެވެ.

"ސަން"އަށް މައުލޫމާތުދެމުން އަލީ ސީޒަން ބުނީ، އެ ކުންފުނިން ހިންގާ ޕްރޮޖެކްޓުގެ ދަށުން މިހާތަނަށް ދެ ސިނަމާއެއް ނ. ވެލިދޫ އަދި ރ. އުގޫފާރުގައި ހުޅުވާފައިވާ ކަމަށެވެ. އަދި އިތުރު ހަތް ސިނަމާއެއްގެ މަސައްކަތް ކުރިއަށްދާ ކަމަށް އޭނާބުންޏެވެ. އެގޮތުން އއ. ތޮއްޑޫ، ހދ. ނޮޅިވަރަމް އަދި ހދ. ކުޅުދުއްފުށީގައި މިހާރު ސިނަމާއެއް އެޅުމުގެ މަސައްކަތް ކުރިއަށްދާއިރު، ޏ. ފުވައްމުލަކުގައި ދެ ސިނަމާއެއް އެޅުމުގެ މަސައްކަތް ކުރިއަށްދާ ކަމަށްވެސް އޭނާ ބުންޏެވެ.

މީގެ އިތުރުން ބިދޭސީ ފިލްމުތައް ބަލާލުމުގެ ފުރުސަތު މާލޭގައި އުޅޭ ބިދޭސީންނަށް ހޯދައިދިނުމުގެ ގޮތުން، މާލޭގައި ވެސް ސިނަމާއެއް އެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ސީޒަން ބުންޏެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ އަންނަ ފެބްރުއަރީ މަހަށް މިހާރު މަސައްކަތްކުރިއަށްދާ ހަތް ސިނަމާ އެއް އެއްކޮށް ނިންމާލުން. އަދި މާޗް މަހުގެ ތެރޭގައި 20 ސިނަމާ ނިންމައި ބޭނުންކުރެވޭވަރު ކުރުން،" ސީޒަން ބުންޏެވެ.

އޭނާ ބުނި ގޮތުގައި އެ ކުންފުނި ދަނީ، މިއަހަރު ނިމުމުގެ ކުރިން 100 ނުވަތަ 150 ސިނަމާ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުޅުވުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

މަގޭ ސިނަމާގެ ފަރާތުން އަތޮޅުތެރޭގައި ސިނަމާތައް ހަދަމުންދަނީ، އެ ކުންފުނީގެ ބަޖެޓުންނާއި އަދި ފަރިވާ ކުންފުނީގެ ޗެއާމަން މަހުމާގެ އެހީތެރިކަމާއެކުގަ އެވެ. ގޮޑި ޖަހައި, އޭސީ ހަރުކޮށް އަދި އެޗްޑީ ޕްރޮޖެކްޓަރު ހަރުކޮށްފައި ހުންނަ އެ ސިނާމާތަކުގައި އެވްރެޖްކޮށް 50 މީހުންނަށް އެއް ފަހަރާ ވަދެ ފިލްމު ބަލާލެވޭނެ އެވެ.

"ރަށްރަށުގެ ބިން ކުއްޔަށް ހިފުމުގެ ބަދަލުގައި ހުސްކޮށް ހުންނަ ހޯލް ތަންތަން ކުއްޔަށް ހިފުމަށްފަހު އެތަންތަން މޮޑިފައިކުރުމަށްފަހު ސިނަމާތައް ހަދަމުން މި ދަނީ، ނަމަވެސް އަތޮޅުތެރެ ވީމަ ދަތިތަކާ ކުރިމަތިވޭ،" ސީޒަން ބުންޏެވެ.

ފިލްމުތައް މާކެޓް ކުރުމާ ގުޅޭގޮތުން އޭނާ ބުނީ، ޕްރޮޑިއުސަރުން ފިލްމު ނިންމުމަށްފަހު އެ އޮންނަ އުސޫލެއްގެ މަތިން މާލޭގެ އިތުރުން ރަށްރަށުގައި އެޅުވުމަށް ވެސް އެ ކުންފުނީގެ ފަރާތުން އިޝްތިހާރު ކުރުމާ މާކެޓިންގެ މަސައްކަތްތަށް ކޮށްދޭނޭ ކަމަށެވެ.

އެކަމާ ގުޅޭ ގޮތުން ރާއްޖޭގެ ޕްރޮޑިއުސަރުންނާއެކު މަޝްވަރާ ކުރާނެ ކަމަށް ވެސް އޭނާ ބުންޏެވެ.

"ރާއްޖޭން ބޭރުގައި ވެސް ފިލްމުތަކުގެ ވިޔަފާރި ކުރާ ގޮތަކީ މިއީ. ރާއްޖޭގެ ފިލްމުތަކަށް ދިމާވެފައިވާ މައްސަލައަކީ ވެސް ވިޔަފާރިކުރުމުގެ މައްސަލަ. އަޅުނގަޑުމެންގެ އުއްމީދަކީ މިކަމުގެ ސަބަބުން ދިވެހި އިތުރު ފިލްމުތަކެއް އުފައްދާ އާއްމުންގެ ތެރެއަށް ނެރުން،" ސީޒަން ބުންޏެވެ.