ގޭގައި ރޯވި އަލިފާންގަނޑުގެ ތެރެއިން ދަރިފުޅު ސަލާމަތްކުރަން އުޅުނު މާބަނޑު އަންހެނަކު، ދުމުގެ ސަބަބުން ގެއިން ނުނިކުމެވި ދަރިފުޅާއެކު މަރުވެއްޖެ އެވެ.

އެމެރިކާގެ އުތުރުގައި އޮންނަ ޕެންސިލްވޭނިއާގެ ސިޓީއެއް ކަމަށްވާ ފިލަޑެލްފިއާގައި އިއްޔެ ހިނގި އެ ހާދިސާގައި އަލިފާން ރޯވެފައިވަނީ މަރުވި އަންހެން މީހާ އުޅުނު ދެ ބުރީގެ ރޯހައުސްގައެވެ.

ފިލަޑެލްފިއާގެ ފަޔަރ ކޮމިޝަނަރު ޑެރިކް ސޯޔާ ވިދާޅުވި ގޮތުގައި، ރޯ ހައުސްގައި އަލިފާން ރޯވި ވަގުތު އެތަނުގައި އުޅޭ އެހެން އަވަށްޓެރިންނާއެކު އެ އަންހެން މީހާ އެތަނުން ބޭރަށް ނުކުތެވެ.

ނަމަވެސް އޭނާގެ ދެ އަހަރުގެ ދަރިފުޅު ސަލާމަތްކުރުމަށް އޭނާ އަލުން ގޭތެރެއަށް ދުއްވައިގެން ކަމަށް އޭނާ ވިދާޅުވި އެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން، އެ ދެމައިން މަރުވެފައިވަނީ ދުމާ ހޫނުގެ ސަބަބުންނެވެ.

"އަންހެން މީހާއަށް ގޭތެރެއިން ބޭރަށް ނުނިކުމެވުނީ އަލިފާންގަނޑުގެ ސަބަބުން އުފެދުނު ބޯ ދުމާއި އަލިފާނުގެ ސަބަބުން. އަންހެން މީހާ ފެނުނުއިރު ދަރިފުޅު އޮތީ އޭނާގެ އަތުގައި. އެއީ ބަލާލަން ކެތްވި މަންޒަރެއް ނޫން،" ސޯޔާ ވިދާޅުވި އެވެ.

ހަބަރުތައް ބުނާގޮތުން، އަންހެން މީހާ މަރުވި އިރު، އޭނާ ވިހަން އިނީ މަދު ހަފްތާ ކޮޅަކަށްވެފަ އެވެ.

ރޯހައުސްގައި އަލިފާން ރޯވި ސަބަބު ތަހުގީގު ކުރަމުންދާއިރު، ފަސް ހީޓަރު ހުރި އެ ގޭގައި، މަސައްކަތްކުރާ ސްމޯކް ޑިޓެކްޓާއެއް ނެތް ކަމަށް ފަޔަރު ޑިޕާޓްމަންޓުގެ އެގްޒެކެޓިވް ޗީފް ކްލިފޯޑް ގިލިއަމް ވިދާޅުވެ އެވެ.

"އަލިފާން ރޯވުމުން އެގެއިން މީހުން ނުނިކުމެވި ލަސްތަކެއްވީ ކަމަށް މިހާތަނަށް ބެލިފައިވަނީ، އަމިއްލައަށް އަލިފާން ނިއްވަން މަސައްކަތްކުރަން އުޅުމުން،" ގިލިއަމް ވިދާޅުވި އެވެ.

އެ ހާދިސާގައި ދެ މީހަކާ ހަތަރު ކުޑަކުދިން ހޮސްޕިޓަލަށް ގެންގޮސް ފަރުވާދީފައިވެ އެވެ.

މައުލޫމާތު: ފޮކްސް ނިއުސް