09 Jan 2016, 20:58
ވައި ތަގައްޔަރުވުން ކުޑަކުރުމަށް ޗައިނާއިން ފަށާފައިވާ މަސައްކަތުގެ ދަށުން 2500 ކުންފުނި ބަންދުކުރަން އެ ގައުމުގެ ސަރުކާރުން ނިންމައިފި އެވެ.
ޗައިނާގެ ވެރިރަށް ބެއިޖިންގެ މުނިސިޕަލް ސަރުކާރާ ހަވާލާދީ، ސްޓޭޓް ނިއުސް އެޖެންސީ ޒިންހުއާގައި ބުނެފައިވަނީ، ބެއިޖިންގެ ހަތަރު ޑިސްޓްރިކްޓެއްގައި ހުންނަ ވައި ތަގައްޔަރުކުރާ 2500 ކުދި ކުންފުންޏެއް މިއަހަރު ނިމުމުގެ ކުރިން ބަންދުކުރާނެ ކަމަށެވެ. އަދި އެ އަދަދު އަންނަ އަހަރު އިތުރުވާނެ ކަމަށް ބުނެފައިވެ އެވެ.
އިމާރާތްކުރުމަށް ސިޔާސަތަށް ވޭތުވެދިޔަ އަހަރު ތަކުގައި ގެނައި ބަދަލުތަކުގެ ސަބަބުން ޗައިނާގެ ވެރިރަށުގައި ވައި ނުސާފުކުރާ އަދި ހަކަތަ ގިނަ އަދަދަކަށް ބޭނުންކުރާ ކުންފުނިތައް ވަނީ ބޮޑުތަން މަދުކުރެވިފަ އެވެ.
ނަމަވެސް ވައި ނުސާފުކުރާ ކުދިކުދި ތަންތަން ކަމަށްވާ ރެސްޓޯރެންޓް ހޮޓާ އަދި ގަރާޖުތައް އިތުރުވެފައިވާ ކަމަށް ކަމާ ބެހޭ އޮފިޝަލުން ބުނެ އެވެ.
ބެއިޖިން އިން ވަނީ އެ ސިޓީގެ ކުމެދުތެރޭގައި އޮންނަ ހަ ޑިސްޓްރިކްޓުގައި ރިއަށް އޮތް ދެ އަހަރު ކޯލް ބޭނުންކުރުން އެއް ކޮށް ހުއްޓާލުމަށް އަމާޒު ހިފާފައެވެ. އަދި ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ކޯލް އަށް ބަރޯސާވާ ހަ ލައްކަ ގެޔަށް ސާފު ހަތަކަ ބޭނުންކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ނިންމާފައެވެ.
މީގެ އިތުރުން މިދިޔަ ފިނި މޫސުމުގައި ސްމޮގްގެ އަސަރުކޮށް ބޮޑެތި ދަތިތަކަކާ ކުރިމަތިލާން ޖެހުނު ބެއިޖިން އިން ވަނީ، މިއަހަރުގެ ތެރޭގައި ކޯލް ބޭނުންކުރާ މިންވަރު ފަސް ލައްކަ ޓަނަށް ދަށްކޮށް، 2020 ވަނަ އަހަރުގެ ނިޔަލަށް ކޯލް އަންދާ ހުރިހާ ބޮއިލަރެއް ބަންދުކުރުމަށް ރާވާފައެވެ.
ބެއިޖިންގައި އާދަޔާ ޚިލާފަށް ވައި ނުސާފުވުމުގެ ސަބަބުން މިދިޔަ މަހު ވަނީ ފުރަތަމަ ފަހަރަށް ރަތް އެލާޓު ވެސް ނެރެފަ އެވެ. އޭރު ވައިގެ ކޮލިޓީ އުޅެނީ 250ގަ އެވެ. މިއީ ވައިގެ ކޮލިޓީ ހުންނަން ޖެހޭ މިންވަރު ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ކަނޑައަޅާފައިވާ މިންގަނޑަށް ވުރެ 10 ގުނަ މަތީ އަދަދެކެވެ.