09 Jan 2016, 17:21
ބަންގުބަންދު ގޯލްޑްކަޕްގައި ވާދަކުރުމަށް ގައުމީ ޓީމު ބަނގުލަދޭޝްއަށް ހިނގައްޖެއެވެ.
ގިނަ އަދަދެއްގެ ސީނިއާ ކުޅުންތެރިން ނުހިމަނައި ޓީމު އެކުލަވާލާފައިވާއިރު ޓީމުގެ ކޯޗް ރިކީ ހާބަޓް ވަނީ 23 އަހަރުން ދަށުގެ 14 ކުޅުންތެރިންނަށް ޓީމުން ފުރުސަތު ދީފައެވެ.
މުބާރާތައް ފުރުމުގެ ކުރިން ސަންއާ ވާހަކަ ދައްކަމުން ހަބަޓް ބުނީ މިމުބާރާތުން ފެބްރުއަރީ މަހު އޮންނަ ސާފް ގޭމްސްއަށް ގިނަ ތަޖުރިބާ ތަކެއް ލިބިގެންދާނެ ކަމަށާއި 23 އހަރުން ދަށުގެ ގިނަ ކުޅުންތެރިންނަށް ފުރުސަތު ދީފައިވަނީ އެހެންވެ ކަމަށެވެ.
މުބާރާތުގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗް އަންނަ ހޯމަ ދުވަހު ނުކުންނާނީ ކެމްބޯޑިއާ ދެކޮޅަށެވެ.
މުބާރާތައް ފުރުމުގެ ކުރިން ގައުމީ ޓީމުގެ ކޯޗިން ސްޓާފުންގެ ތެރޭގައި ހިމެނޭ އެސިސްޓެންޓް ކޯޗް އަސްއަދު ޢަބްދުލް ޣަނީއާއި ގޯލްކީޕިިން ކޯޗް އަސްލަމް ޢަބްދުރަހީމު ވަނީ ޓީމުން އިސްތިއުފާ ދީފައެވެ.
މީގެ އިތުރުން އަނެއް އެސިސްޓެންޓް ކޯޗް އިސްމާޢީލް މަހްފޫޒު އިސްތިއުފާ ނުދެއްވި ނަމަވެސް ޓީމާއެކު ބަންގާލަށް ގޮސްފައެއް ނުވެއެވެ.