09 Jan 2016, 16:29
ދުބާއީގެ އެޑްރެސް ޑައުންޓައުންގައި ރޯވެފައިވާ މަންޒަރު ފެންނަ ގޮތަށް ސެލްފީ ނެގި ދެމީހުން ހައްޔަރު ކުރުމަށް ފަހު ދޫކޮށްލައިފި އެވެ.
އެމީހުން ދޫކޮށްލީ ކުށަކަށް އަރައިގެންފައިވާ ކަމުގެ އެއްވެސް ހެއްކެއް ލިބިފައި ނުވާތީ ކަމަށް ދުބާއީ އެޓާނީ ޖެނެެރަލް ވަނީ ވިދާޅުވެފަ އެވެ. އެމީހުން ދޫކޮށްލީ މިމަހުގެ އަށްވަނަ ދުވަހު އެވެ.
އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ އަންހެނަކާއި ފިރިހެނެކެވެ.
"މައްސަލަ ތަހުގީގު ކުރުމަށް ފަހު އެމީހުން އެއްވެސް ކުށަކަށް އަރައިގެންފައިވާކަން ހާމަވެފައި ނުވާތީ މިހާރު އެމީހުން ވަނީ ދޫކޮށްލާފައި،" ދުބާއީ މީޑިއާ އޮފީހުން ކުރި ޓުވީޓެއްގައި ބުނެފައިވެ އެވެ.
ދުބާއީ އަށް އާ އަހަރުގެ ތަހުނިޔާ ކިޔަމުން އަބްދުއްރަހްމާން އަލަތީގީ އިންސްޓަގްރާމް ކުރި ފޮޓޯގައި އޭނާއާއި އަންހެނަކު ހިނިތުންވެފައި ތިބޭ މަންޒަރު ފެނެ އެވެ. އަދި ފަހަތުން ފެންނަނީ އެޑްރެސް ޑައުންޓައުންގައި ރޯވެ އަނދަމުންދާ މަންޒަރެވެ. ލަފާ ކުރެވޭ ގޮތުގައި އެ ދެމީހުން އެފޮޓޯ ނެގީ އެ އިމާރާތުން ހަވާ އަރުވަނީ ކަމަށް ހީކޮށެވެ.
"ދުބާއީ އަށް އުފާވެރި އާ އަހަރަކަށް އެދެން. ދުބާއީއިން އަބަދުވެސް އެންމެ ބޮޑު ހަވާ އެރުވުންތަކުން އަހަރެމެން ސިއްސުވާލާ،" އިންސްޓަގްރާމް ކުރި ފޮޓޯގައި އަލަތީގީ ލިޔެފައިވެ އެވެ.
އެފޮޓޯ އިންސްޓަގްރާމަށް އަޕްލޯޑު ކުރިތާ މާގިނަ އިރެއް ނުވެ ޓުވިޓާ އާއި އިންސްޓަގްރާމް ބޭނުންކުރާ ފާރާތްތަކުން ވަނީ ފޮޓޯއަށް ފާޑު ކިޔަން ފަށައިފަ އެވެ.
"މީހުން ދިރިތިއްބާ އަނދަމުންދާ އިރު ވެސް ސެލްފީ ނަގަންވީ،" ކޮމެންޓް ކުރި ފަރާތަކުން ބުންޏެވެ. އަދި ބައެއް މީހުން ވަނީ އެއީ "އެއްވެސް ރަހުމެއްނެތް ބަޔަކު ނަގާފައިވާ" ފޮޓޯއެއް ކަމަށް ބުނެ އެފޮޓޯ އިންސްޓަގްރާމުން ފޮހެލުމަށް ގޮވާލައިފަ އެވެ.
އެޑްރެސް ޑައުންޓައުންގައި އަލިފާން ރޯވާން މެދުވެރިވި ސަބަބު ހޯދުމަށް ދުބާއީގެ ފުލުހުން ދަނީ އެހާދިސާ ތަހުގީގު ކުރަމުންނެވެ. އެހާދިސާގައި އެކަކު މަރުވެ 14 މީހަކަށް އެކިވަރުގެ ޒަހަމްތައް ލިބުނު ކަމަށް ރިޕޯޓުތަކުގައިވެ އެވެ.