މާލެ އިންޓަނޭޝަނަލް އެއާޕޯޓުން ކުއްޔަށް ދޫކޮށްފައިވާ ތަންތަނުގެ ކޮންޓްރެކްޓު އާކުރާއިރު މިހާރު ކުލީގެ ގޮތުގައި އަކަ މީޓަރަކަށް ނަގަމުންދާ ހަ ޑޮލަރު، ނުވަ ޑޮލަރަށް ބޮޑުކުރާ ގޮތަށް އެއާޕޯޓް އޮޕަރޭޓްކުރަމުންދާ އިންޑިއާގެ ޖީއެމްއާރް ކުންފުނިން ނިންމައިފި އެވެ.

ޖީއެމްއާރުގެ ޕަބްލިކް ރިލޭޝަންސް ރެޕްރެސެންޓޭޓިވް، ބިޒްނަޒް އިމޭޖް ގްރޫޕް )ބިގް(ގެ އޮފިޝަލަކު އިއްޔެ ވިދާޅުވީ، އެއާޕޯޓުން ތަންތަން ކުއްޔަށް ހިފައިފައިވާ ފަރާތްތަކާ އެކު ހަދާފައިވާ ގިނަ ކޮންޓްރެކްޓްތަކުގެ މުއްދަތު މިދިޔަ މާޗް މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ހަމަވުމާ ގުޅިގެން އެ މުއްދަތު މި މަހުގެ ނިޔަލަށް އިތުރުކޮށްދީފައިވާ ކަމަށެވެ. ނަމަވެސް، އެ މުއްދަތު މި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ހަމަވުމުން އެ ކޮންޓްރެކްޓް އާކުރާނީ އަކަ މީޓަރަކުން ނަގަމުންދާ ހަ ޑޮލަރު، ނުވަ ޑޮލަރަށް އިތުރު ކުރުމަށް ފަހު ކަމަށް ކަމަށް ވެސް އޮފިޝަލު ވިދާޅުވި އެވެ.

މިއީ ފާއިތުވި 10 އަހަރު ތެރޭގައި އެއާޕޯޓުން ކުއްޔަށް ދޫކޮށްފައި ހުރި ތަންތަނުގެ ކުލި ބޮޑުކުރާ ފުރަތަމަ ފަހަރެވެ.
ބިގްގެ އޮފިޝަލު ވިދާޅުވީ، މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެއާޕޯޓް ހިންގުމާ ހަވާލުވި ޖީއެމްއާރުން ކުލި ބޮޑުކުރާ ގޮތަށް ހަމަޖައްސައިފައި ވަނީ މިހާރު އިގުތިސާދަށް އައިސްފައިވާ ބަދަލުތަކަށް ވިސްނުމަށް ފަހު އެންމެ އެކަށީގެންވާ އަގެއް ކަނޑައެޅުމުގެ ބޭނުމުގައި ކަމަށެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި، ޖީއެމްއާރުން ކުލި ބޮޑުކުރަން ނިންމުމާ ގުޅިގެން އެތަންތަން ކުއްޔަށް ހިފައިފައިވާ ކުންފުނިތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުން އެއާޕޯޓުން ގިނަ ތަންތަނެއް ކުއްޔަށް ހިފައިފައިވާ އައިލެންޑް އޭވިއޭޝަނުން ވަނީ އެ ނިންމުން ގަބޫލު ނުކުރެވޭނެ ކަން ޖީއެމްއާރަށް އަންގައިފަ އެވެ.

އައިލެންޑް އޭވިއޭޝަންގެ އޮފިޝަލަކު ނަން ނުޖެހުމަށް ޝަރުތުކޮށް އަންގާރަ ދުވަހު ވިދާޅުވީ، އެކުންފުނިން ކުއްޔަށް ހިފައިފައިވާ އެތަންތަނުގެ ކުލީގެ ގޮތުގައި މަހަކު 700،000ރ. މިހާރު ދައްކަމުންދާ ކަމަށެވެ.

އެއީ އަހަރެއްގެ މައްޗަށް 8.4 މިލިއަން ރުފިޔާ އެވެ. ނަމަވެސް، ޖީއެމްއާރުން ކުލި ބޮޑުކުރުމާ ގުޅިގެން އަހަރެއްގެ މައްޗަށް ކުލީގެ ގޮތުގައި ދައްކަން ޖެހޭ އަދަދު 4.2 މިލިއަން ރުފިޔާ އިން އިތުރުވާ ކަމަށް ވެސް އެ އޮފިޝަލު ވިދާޅުވި އެވެ. އޭރުން އަހަރެއްގެ މައްޗަށް ކުލީގެ ގޮތުގައި 12.6 މިލިއަން ރުފިޔާ ދައްކަން ޖެހޭނެ އެވެ.
އެހެންކަމުން އެފަދަ ބޮޑު އަދަދަކަކުން ކުލި އިތުރުކުރުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށާއި އެކަމުގެ ސަބަބުން ކުންފުންޏަށް ބޮޑެތި ގެއްލުންތަކެއް ވާނެ ކަމަށް ބުނެ އައިލެންޑް އޭވިއޭޝަނުން ޖީއެމްއާރަށް ސިޓީއެއް ފޮނުވާފައިވާކަން ސަން އަށް ވަނީ ކަށަވަރުވެފަ އެވެ.

އެ މައްސަލައާ ގުޅޭ ގޮތުން ޖީއެމްއާރުން ވަކި އެއްޗެއް ނުބުނެ އެވެ. ނަމަވެސް، ކުލި ބޮޑުކުރާ ތަންތަނުގެ ތެރޭގައި އައިލެންޑް އޭވިއޭޝަނަށް ދޫކޮށްފައިވާ ތަންތަން ވެސް ހިމެނޭކަން ކަށަވަރުކޮށްދިނެވެ.

ކުލި ބޮޑުކުރިންކަން އަންގައި ޖީއެމްއާރުން އައިލެންޑް އޭވިއޭޝަނަށް ފޮނުވި ލިޔެކިޔުންތަކެއްގެ ކޮޕީ ސަން އަށް ވަނީ ލިބިފަ އެވެ. އެ ލިޔެކިތުންތަކުން އެނގޭ ގޮތުގައި ޖީއެމްއާރު މާލެ އިންޓަނޭޝަނަލް އެއާޕޯޓުން އައިލެންޑް އޭވިއޭޝަނަށް ކުއްޔަށް ދޫކޮށްފައިވާ ތަންތަނުން ނަގާ ކުލި ވަނީ އެކި އަދަދުތަކުން ބޮޑުކޮށްފަ އެވެ. އެންމެ ބޮޑު އަދަދެއް ދައްކަން ޖެހޭނީ ހުޅުލޭގެ ހުޅަނގު އުތުރުން އައިލެންޑް އޭވިއޭޝަނަށް ކުއްޔަށް ދޫކޮށްފައިވާ ހެނގަރަށެވެ.

އެތަނުގެ ކުލި 13044.24 ޑޮލަރުން 32610.60 ޑޮލަރަށް ބޮޑުކުރަން ޖީއެމްއާރުން ވަނީ ނިންމައިފަ އެވެ. އެއީ 19566.36 ޑޮލަރުގެ އިތުރުވުމެކެވެ.

ޖީއެމްއާރުން ކުލި ބޮޑުކުރަން މިހާރު ނިންމައިފައިވާ އިރު، އައިލެންޑް އޭވިއޭޝަނުން ދެމުންދިޔަ ގުރައުންޑް ހޭންޑްލިން އާއި ކާގޯ ހިދުމަތްތައް ޖީއެމްއާރުން ދޭ ގޮތަށް މިދިޔަ އަހަރު ހަމަޖެއްސުމުން އައިލެންޑް އޭވިއޭޝަނުން އެކަން ސިފަކުރީ އެކުންފުންޏަށް މާލީ ގޮތުން ލިބުނު ބޮޑު "ޝޮކެއް"ގެ ގޮތުގަ އެވެ.

އެކުންފުނީގެ މެނޭޖިން ޑިރެކްޓާ ބަންދު އިބްރާހިމް ސަލީމް ވިދާޅުވެފައިވަނީ، އެ ނިންމުމުގެ ސަބަބުން އަހަރަކު 90 މިލިއަން ރުފިޔާގެ ގެއްލުން އައިލެންޑް އޭވިއޭޝަނަށް ވާނެ ކަމަށެވެ.

މީގެ އިތުރުން ފާއިތުވި ފަސް މަސް ދުވަހުގެ ތެރޭ ޖެޓް ފިއުލްގެ އަގު ފަސް ފަހަރު ޖީއެމްއާރުން ބޮޑުކުރުމާ ގުޅިގެން އައިލެންޑް އޭވިއޭޝަނުން ވަނީ ފިއުލް ސާޗާޖުގެ ގޮތުގައި ނަގާ އަދަދު ވެސް އެކިފަހަރުމަތިން ބޮޑުކޮށްފަ އެވެ. އެކަމުގެ ސަބަބުން އައިލެންޑް އޭވިއޭޝަނުން ފިއުލް ސާ ޗާޖަށް ނަގާ އަގުބޮޑުކުރުމުން މޯލްޑިވިއަން ފްލައިޓްގެ ޓިކެޓުގެ އަގު ވެސް ވަނީ ފާއިތުވި ދުވަސްތަކުގެ ތެރޭ އުފުލިފަ އެވެ.