ކޮލަމްބޯ (ޖެނުއަރީ 9): މީހަކު ވަގަށް ނެގުމުގައި ބައިވެރިވި ކަމުގެ ތުހުމަތުގައި ސްރީލަންކާގެ މަޖިލިސް މެމްބަރެއް ކަމަށްވާ ހައިރުނިކާ ޕްރެމަޗަންދުރާ، ކޮލަމްބޯ ކްރިމިނަލް ޑިވިޝަނުން ހައްޔަރުކޮށްފި އެވެ.

ޕްރެމަޗެންދުރާ ހައްޔަރުކޮށްފައި ވަނީ ޑިސެމްބަރު 21 ވަނަ ދުވަހު 34 އަހަރުގެ ފިރިހެނަކު ވަގަށް ނެގުމަށް ފަހު އަނިޔާ ކުރި މައްސަލައެއްގެ ތަހުގީގަށެވެ. އޭނާ ހައްޔަރު ކުރަން އެންގެވީ ލަންކާގެ އެޓާނީ ޖެނެރަލް ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ބުނެ އެވެ.

"ޕްރެމަޗެންދުރާ އެ ހާދިސާގައި ބައިވެރިވެވަޑައިގަތްކަން ސާބިތުކޮށްދޭ ހެކި ފުދޭވަރަކަށް އެބަހުރި. މަންޒަރު ދުށްފަރާތްތަކާއި ތުހުމަތު ކުރެވޭ އިތުރު ފަރާތްތަކުން ދިން ބަޔާންތަކުގެ އިތުރުން ފޯން ރެކޯޑުތައް ފަދަ ސައިންޓިފިކް ހެއްކަށް ވެސް އެޓާނީ ޖެނެރަލްގެ ޑިޕާންޓްމެންޓުން ބެލި،" އޭޖީ އޮފީހުގެ އިސް ފަރާތަކުން ވިދާޅުވި އެވެ.

ކޮލަމްބޯ ޗީފް މެޖިސްޓްރޭޓްގެ ކޯޓަށް ޕްރެމަޗެންދުރާ ހާޒިރު ކުރުމަށް ފަހު މިހާރު އޭނާ ވަނީ ކަފާލާތުގެ ދަށުން ދޫކޮށްލާފަ އެވެ.